hadith mv ޙަދީޘްއެމްވީ – ސުންނަތުގެ ތަރުޖަމާ މަންސަ

ﷲ ވަހީ ކުރެއްވިއެވެ: ’ހަމަކަށަވަރުން ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު ﷲ އިރާދަކުރެއްވި މީހަކަށް އެ އިލާހު ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބެނިވި މީހުން އެ އިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ.‘ [القصص 56]

ރަސޫލު ﷲ ޙަދީޘް ކުރެއްވިއެވެ: ”ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް، އެ ހެޔޮކަން ކުރި މީހަކާ އެއްފަދަ އަޖުރެއް ލިބޭނެއެވެ.“ [صحيح مسلم 1893]

ފުޟައިލު ބިން ޢިޔާޟު [187 ހ.] ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ހިދާޔަތުގެ މަގުތަކަށް ތަބާވާށެވެ. އަދި (އެ މަގުތަކުގައި) ހިނގައި އުޅޭ މީހުންގެ މަދުކަމުން ތިބާއަކަށް ގެއްލުމެއް ނުކުރާނެއެވެ. އަދި މަގުފުރެދުމުގެ މަގުތަކުން ސަމާލުވެ ރައްކާތެރިވާށެވެ. އަދި (އެ މަގުތަކުގައި ގެއްލި) ހަލާކުވެދާ މީހުންގެ ގިނަކަމުން ތިބާ ހެއްލުންތެރި ނުވާށެވެ. [الاعتصام للشاطبي 1/112]