ސޫރަތުގެ ނަން | ބިސްމި | ޤުރްއާން އަރަބިން | ލަފްޒީ ތަރުޖަމާ | އިޖްމާލީ މާނަ |
---|---|---|---|---|
𝟣 سُورَةُ الفَاتِحَة | ﴿بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ١﴾ | سُورَةُ الْفَاتِحَةއަކީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި ވަނީ ބިސްމިއާ އެކު (7) ހަތް އާޔަތެވެ. އެއީ، (1) އެއް رُكُوعއެވެ. ފަހެ، މި ސޫރަތަކީ، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން ކުރު ސޫރަތެކެވެ. އަދި އެންމެ ގިނައިން ތަކުރާރުކޮށް ކިޔެވޭ ސޫރަތެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި ވެސް ކިޔެވުން ފަރްޟުވެގެންވާ ސޫރަތެވެ. މި ސޫރަތަކީ، ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ ސޫރަތެވެ. އަދި ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ ސޫރަތަށް، فَاتِحَةُ الْكِـتَـابِގެ ނަމުން ނަންދެވިފައި ވަނީ، އެ ސޫރަތުން ކީރިތި ޤުރްއާން ފެށޭކަމަށް ޓަކައެވެ. އެހެންކަމުން، ކީރިތި ޤުރްއާނުގެ ސޫރަތްތައް ތަރުތީބުން ލިޔާ މީހަކު، ފުރަތަމަ ލިޔާން ފަށާނީ އެ ސޫރަތުންނެވެ. އަދި، ކީރިތި ޤުރްއާނުގެ ސޫރަތްތައް ތަރުތީބުން ކިޔަވާ މީހަކު، ފުރަތަމަ ކިޔަވާން ފަށާނީ ވެސް އެ ސޫރަތުންނެވެ. ނަމަވެސް، އެ ސޫރަތަކީ، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބާވައިލެއްވުނު ސޫރަތެއް ނޫނެވެ. މި ސޫރަތް ބާވައިލެއްވުނީ سُورَةُ الْمـُدَّثِّـرِއަށް ފަހުގައެވެ. އަދި މި ސޫރަތަށް ކިޔޭ އެތައް ނަންތަކެއް ވެއެވެ. އެ ނަންތަކުގެ ތެރޭގައި، فَاتِحَةُ الْكِتَابِ (ފޮތުގެ ފެށުން) أُمُّ الْكِتَابِ (ފޮތުގެ އަޞްލު) اَلسَّبْعُ الْمَثَانِي )ގިނަގިނައިން ތަކުރާރުކުރެވޭ ހަތް އާޔަތް) سُوْرَةُ الْحَمْدِ (އެންމެހައި ޙަމްދުޘަނާއާއި ތަޢުރީފުގެ ސޫރަތް) سُورَةُ الصَّلَاةِ (ނަމާދުގެ ސޫރަތް) އަދި اَلْوَاقِيَةُ (ރައްކައުތެރިކަމާއި ސަލާމަތްކަން ދެނިވި ސޫރަތް) މި ނަންތައް ހިމެނެއެވެ. މި ސޫރަތް ފެށިފައި ވަނީ، اللهُ އަށް ޙަމްދާއި ތަޢުރީފު ދެންނެވުމުގެ ޞީޣާއަކުންނެވެ. އެ ޞީޣާއަކީ، އެ إِلٰهُގެ މަތިވެރިވަންތަކަމާއި، މާތްވަންތަކަމާއި، ކިބްރިޔާވަންތަކަން ބަޔާންކުރުމުގެ ޞީޣާތަކުގެ ތެރެއިން ޞީޣާއެއްކަމުގައިވާ «اَلْحَمْدُ لِلَّهِ» މި ޞީޣާއެވެ! ވުމާއެކު، މި ސޫރަތަކީ އެ ޞީޣާއިން ފެށިފައިވާ ފަސް ސޫރަތުގެ ތެރެއިން އެއް ސޫރަތެވެ. އަނެއް ހަތަރު ސޫރަތަކީ: سُورَةُ الْأَنْـعَامِއާއި، سُورَةُ الْكَهْفِއާއި، سُورَةُ سَبَأِއާއި، سُورَةُ فَاطِرِއެވެ.[1] އަދި، اللهُ ގެ ރިވެތި އިސްމުފުޅުތަކުގެ ތެރެއިން، اللهُ މި އިސްމުފުޅާއި، اَلرَّحْمٰنُ މި އިސްމުފުޅާއި، اَلرَّحِيمُ މި އިސްމުފުޅާއި، މި ތިން އިސްމުފުޅު މި ސޫރަތުގައި އައިސްފައި ވެއެވެ. ފަހެ، ޖުމުލަ ގޮތެއްގައި މި ސޫރަތުގައި ހިމެނެނީ، އިސްލާމް ދީނުގެ އަޞްލުތަކާއި ފަރްޢުތަކުގެ ވާހަކައެވެ. އިސްލާމީ ޢަޤީދާގެ އަޞްލުތަކުގެ ތެރެއިން، اللهُ ގެ ރިވެތި އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމުގެ ވާހަކައެވެ. اللهُ ގެ ޙަޟްރަތަށް ކުއްތަންވެ، އެ إِلٰهُގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، ހުރިހައި ކަމެއްގައި ވެސް، އެ إِلٰهُގެ ޙަޟްރަތުން އެހީއާއި މަދަދަށް އެދި ދަންނަވައި، ހުރިހައި އަޅުކަމެއް، އެ إِلٰهއަށް ޚާލިޞްކުރުމުގެ ވާހަކައެވެ. އަދި ޙައްޤު ދީނުގެ މަގަށް މަގުދައްކަވައި، އެ މަގުން ހިނގުމުގެ ތައުފީޤު ދެއްވައި، އެ إِلٰهُގެ ޙަޟްރަތަށް ދެވިއްޖައުމަށް ދާނދެން، އެ މަގުގައި ސާބިތުކޮށް ދެއްވުން އެދި، އެ إِلٰهُގެ ޙަޟްރަތުގައި ދެންނެވުމުގެ ވާހަކައެވެ. އަދި އެ ބައެއްގެ މައްޗަށް، اللهُ ކޯފާލެއްވި ޔަހޫދީންނާއި، އެ إِلٰهُގެ މަގުން އެއްކިބާވެ މަގުފުރެދުނު ނަޞާރައިންނާ އަދި އެ ދެބައިމީހުންނާ އެއްގޮތްވެގަނެގެން އުޅޭ މީހުންގެ ގޮތްތަކުން އެއްކިބާވެ އުޅުމުގެ މަގު ފަހިކޮށްދެއްވުން އެދި، އެ إِلٰهُގެ ޙަޟްރަތުގައި ދެންނެވުމުގެ ވާހަކައެވެ. އަދި ރަސޫލުންނާއި، ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުން ހިންގެވި މަގުން ހިނގުމުގެ ތައުފީޤުދެއްވުން އެދި، اللهُ ގެ ޙަޟްރަތުގައި ދެންނެވުމުގެ ވާހަކައެވެ. އަދި، އިސްވެދިއަ ބައެއް އުންމަތްތަކުގެ ވާހަކައާއި، ބާއްޖަވެރީންގެ ދަރަޖަތަކާއި، އަބާއްޖަވެރީންގެ ދާއިމީ ގޮވަތީގެ ވާހަކަ މި ސޫރަތުގައި ވެއެވެ. އަދި اللهُ އަށް އަޅުކަންކުރުމުގައި، އެ إِلٰهُ އަމުރުކުރެއްވި ކަންތައްތައްކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުވެ، ހަމައެކަނި އެ إِلٰهއަށް އަޅުކަންކުރުމަށް މި ސޫރަތުގައި އަމުރުކުރައްވައިފައި ވެއެވެ. [2] ފަހެ، މި ސޫރަތުގެ ކުރީކޮޅުގައި ވަނީ، اللهُ އަށް ޙަމްދުޘަނާ ދަންނަވާނޭ ގޮތާއި، އެ إِلٰهُގެ ރުބޫބިއްޔަވަންތަކަމާއި، ރަޙުމަތްވަންތަކަމާއި، ޢަދްލުވަންތަކަމާއި، އެ إِلٰهُގެ ރަސްވަންތަކަމާއި، މަތިވެރިވަންތަކަމާއި، އޯގާވަންތަކަމުގެ ބޮޑުކަމާއި، ތަނަވަސްވަންތަކަމުގެ ވާހަކައެވެ. ފަހުކޮޅުގައި ވަނީ، اللهُ ގެ އަޅާ، އޭނާގެ ސާހިބުވަންތަ إِلٰهُގެ އުލޫހިއްޔަވަންތަކަން ޤަބޫލުކޮށް، އެ إِلٰهއަށް އަޅުކަންކޮށް، ދުޢާކޮށް، އެ إِلٰهُގެ ޙަޟްރަތުގައި މުނާޖާދަންނަވާނޭ ގޮތެވެ. [3] ދަންނާށެވެ! މައްކީ ސޫރަތްތަކަކީ، رَسُولُ اللهِ ހިޖުރައަށް ވަޑައިގަތުމުގެ ކުރީން ބާވައިލެއްވުނު ކޮންމެ ސޫރަތެކެވެ. މަދަނީ ސޫރަތްތަކަކީ، رَسُولُ اللهِ ހިޖުރައަށް ވަޑައިގަތުމަށް ފަހު ބާވައިލެއްވުނު ކޮންމެ ސޫރަތެކެވެ. ފަހެ، މައްކީ ސޫރަތްތަކުގެ ތެރެއިން ގިނަ ސޫރަތްތަކަކީ ކުރު ސޫރަތްތަކެކެވެ. ޖުމުލަ ގޮތެއްގައި މައްކީ ސޫރަތްތަކުގައި ވަނީ، އިސްލާމް ދީނުގެ ޢަޤީދާއާ ގުޅޭ ވާހަކަތަކެވެ. اللهُ ގެ އެއްކައުވަންތަކަން މީސްތަކުންގެ ހިތްތަކުގައި އަށަގެންނެވުމާއި، އާޚިރަތް ދުވަހާއި، އެ ދުވަހުގައި ހިނގާނޭ ކަންތައްތަކުގެ ވާހަކަތަކެވެ. މައްކީ ސޫރަތްތަކުގައި، އެ ވާހަކަތައް ޖުމުލަ ގޮތެއްގައި އައިސްފައިވާ ސަބަބަކީ، ޤުރްއާން ބާވައިލެއްވިފައި ވަނީ ޢަރަބީންގެ ތެރެއިން ބަސްމޮށުންތެރިކަމަށް އެންމެ ކުޅަދާނަ އެންމެ ފަޞާޙަތްތެރި މީހުންގެ ތެރެއަށް ކަމުގައި ވާތީ، އެ ވާހަކަތައް އެބައިމީހުންނަށް ރަނގަޅަށް ވިސްނޭނޭތީއެވެ. މަދަނީ ސޫރަތްތަކުގެ ތެރެއިން ގިނަ ސޫރަތްތަކުގައި ޝަރްޢީ ޙުކުމްތައް ތަފްޞީލުކޮށް އައިސްފައި ވެއެވެ. އެ ސޫރަތްތަކުގައި، މުސްލިމުންގެ އިތުރަށް ޔަހޫދީންނާއި، ނަޞާރާއިންނާއި، އެ ނޫން މީހުންނާ ވެސް މުޚާޠަބުވެވިފައި ވެއެވެ. އަދި اللهُ އަށް އަޅުކަންކުރާނޭ ގޮތާއި، ޖަމާޢަތްތަކާއި ފަރުދުންގެ މެދުގައި މުޢާމަލާތުކުރާނޭ ޤަވާޢިދުތަކާއި، ރަށްވެހިކަމާއި، ސިޔާސަތާއި، ބިންމަތީގައި އިސްލާމީ ވެރިކަމެއް ޤާއިމު ކުރެވޭނޭ އުޞޫލުތަކާއި، ޝަރީޢަތުގެ ތަފާތު ޙުކުމްތައް އެ ސޫރަތްތަކުގައި ކަނޑައަޅުއްވައިފައި ވެއެވެ. ފަހެ، މި ސޫރަތުގެ އިތުރުކަމާއި މާތްކަމާ ބެހޭ ގޮތުން، أَبُو سَعِيدٍ رَافِعُ بْنِ المُعَلَّى hގެ އަރިހުން ރިވާވެގެން ވެއެވެ. رَافِعُ بْنِ المُعَلَّى ވިދާޅުވިއެވެ. رَسُوْلُ اللهِ ތިމަންނާއަށް ޙަދީޘުކުރެއްވިއެވެ. «أَلاَ أُعَلِّمُكَ أَعْظَمَ سُورَةٍ فِي الْقُرْآنِ قَـبْلَ أَنْ تَخْرُجَ مِنَ الْمَسْجِدِ»، فَأَخَذَ بِيَدِي، فَـلَمَّا أَرَدْنَا أَنْ نَخْرُجَ، قُـلْتُ: يَا رَسُولَ اللَّهِ، إِنَّكَ قُـلْتَ: «لَأُعَلِّمَنَّكَ أَعْظَمَ سُورَةٍ مِنَ الْقُرْآنِ» قَالَ: «الْحَمْدُ لِلَّهِ رَبِّ الْعَالَمِين، هِيَ السَّبْعُ الْمَثَانِي، وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ» [4] މާނައީ: [ތިބާ މިސްކިތުން ނުކުމެވަޑައިގަތުމުގެ ކުރީގައި، ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި ސޫރަތަކީ ކޮބައިކަން ތިމަން ރަސޫލާ ތިބާއަށް ވިދާޅުވެދެއްވަންތޯއެވެ؟] ފަހެ، މި ފަދައިން ޙަދީޘުކުރެއްވުމަށް ފަހު، ތިމަންގެ އަތުގައި އެ ރަސޫލާ ހިއްޕެވިއެވެ. އެއަށްފަހު، ތިމަންމެންނަށް މިސްކިތުން ނުކުމެވުމާ ކައިރިވުމުން ތިމަން ދެންނެވީމެވެ. [ އޭ اللهُގެ ރަސޫލާއެވެ! ހަމަކަށަވަރުން، ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި ސޫރަތަކީ ކޮބައިކަން އަޅުގަނޑަށް އުނގަންނަވައިދެއްވާނޭ ކަމުގައި، އިބަ ރަސޫލާ ވިދާޅުވީމު ނޫންތޯއެވެ؟] ޙަދީޘުކުރެއްވިއެވެ. [އެއީ، (الْحَمْدُ لِلّهِ رَبِّ الْعَالمَِيْن) މި ސޫރަތެވެ. އެ ސޫރަތަކީ، ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން ގިނަގިނައިން ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތެވެ. އަދި މާތްކަމާއި އިތުރުކަން ބޮޑު ކީރިތި ޤުރްއާނުގެ އެހެނިހެން އާޔަތްތައް ވެސް، ތިމަން ރަސޫލާއަށް ދެއްވުނެވެ.] ކައު އިތުރު ރަސޫލާގެ އަރިހުގައި ހުންނަވައިގެން، أُبَيُّ بْنِ كَعْبٍ h سُورَةُ الْفَاتِحَة ކިޔަވައިވިދާޅުވުމުން ޙަދީޘުކުރެއްވިއެވެ. «وَالَّذِي نَـفْسِي بِيَدِهِ، مَا أُنْزِلَ فِي التَّـوْرَاةِ، وَلَا فِي الْإِنْجِيلِ، وَلَا فِي الزَّبُورِ، وَلَا فِي الْفُرْقَانِ مِثْـلُهَا، إِنَّـهَا السَّبْعُ الْمَثَانِي، وَالْقُرْآنُ الْعَظِيمُ الَّذِي أُعْطِيتُ»[5] މާނައީ: [ތިމަން ރަސޫލާގެ ފުރާނަފުޅު، އެ إِلٰهُގެ އަތްޕުޅުގައިވާ، إِلٰهُގެ ޛާތުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ތައުރާތުގައި ވެސް، އިންޖީލުގައި ވެސް، ޒަބޫރުގައި ވެސް އަދި، ކީރިތި ޤުރްއާނުގައި ވެސް، سُورَةُ الْفَاتِحَةِއާ އެއްފަދަ އެހެން ސޫރަތެއް ނުވެއެވެ. ހަމަކަށަވަރުން، އެ ސޫރަތަކީ، ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން ގިނަގިނައިން ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތެވެ. އަދި މާތްކަމާއި އިތުރުކަން ބޮޑު، ކީރިތި ޤުރްއާނުގެ އެހެނިހެން އާޔަތްތައް ވެސް، ތިމަން ރަސޫލާއަށް ދެއްވުނެވެ.] اِبْنُ عَبَّاسٍ h ވިދާޅުވިކަމުގައި ރިވާވެގެން ވެއެވެ. «بَـيْـنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، سَمِعَ نَـقِيضًا مِنْ فَـوْقِهِ، فَـرَفَعَ رَأْسَهُ، فَـقَالَ: «هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَـوْمَ لَمْ يُـفْتَحْ قَطُّ إِلَّا الْيَـوْمَ، فَـنَـزَلَ مِنْهُ مَلَكٌ، فَـقَالَ: هَذَا مَلَكٌ نَـزَلَ إِلَى الْأَرْضِ لَمْ يَـنْزِلْ قَطُّ إِلَّا الْيَـوْمَ، فَسَلَّمَ، وَقَالَ: أَبْشِرْ بِنُورَيْنِ أُوتِيتَـهُمَا لَمْ يُـؤْتَـهُمَا نَبِيٌّ قَـبْـلَكَ: فَاتِحَةُ الْكِتَابِ، وَخَوَاتِيمُ سُورَةِ الْبَـقَرَةِ، لَنْ تَــقْرَأَ بِحَرْفٍ مِنْـهُمَا إِلَّا أُعْطِيتَهُ » [6] މާނައީ: އެއް ދުވަހަކު، جِبْرِيلُ ވަޑައިގެން، رَسُولُ الله ގެ އަރިހުގައި އިންނަވަނިކޮށް، جِبْرِيلُ ގެ އިސްތަށިފުޅާ ދިމާ މަތީން ވަރަށް ގަދަ އަޑެއް އިވުނެވެ. އެ ހިނދު، جِبْرِيلُ ގެ އިސްތަށިފުޅު މައްޗަށް އުފުއްލަވައިލެއްވުމަށް ފަހު، ވިދާޅުވިއެވެ. އެ އިވުނީ، އުޑުގެ ދޮރުކޮޅެއް މިއަދު ހުޅުއްވެވުނު އަޑެވެ. އަދި މިއަދު ނޫނީ، އެ ދޮރުކޮޅު ފަހަރެއްގައި ވެސް ނުހުޅުއްވެވެއެވެ. ދެންފަހެ، އެ ދޮރުކޮޅުން މަލާއިކަތަކު ފައިބައިވަޑައިގެންނެވިއެވެ. އެ ހިނދު، جِبْرِيلُ ވިދާޅުވިއެވެ. މި ހުންނެވީ، ބިމަށް ފައިބައިވަޑައިގެންނެވި މަލާއިކަތާއެވެ. މިއަދު ނޫނީ، ދުވަހަކު ވެސް، އެ މަލާއިކަތާ ބިމަށް ފައިބައިވަޑައިގެންފައެއް ނުވެއެވެ. އެ ހިނދު، އެ މަލާއިކަތާ ވަޑައިގެން ސަލާމްކުރެއްވިއެވެ. އަދި رَسُولُ اللهِ އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. ތިބާއަށް ދެއްވިގެންވާ ދެ ނޫރާ މެދުގައި އުފައުފުޅުކުރައްވާށެވެ! އެއީ، އިބަ ރަސޫލާގެ ކުރީން އެއްވެސް ނަބިއްޔަކަށް ދެއްވުނު އެއްޗެއް ނޫނެވެ. އެއީ، فَاتِحَةُ الْكِـتَـابِއާއި، سُورَةُ الْبَـقَرَةِގެ ފަހު ދެ އާޔަތެވެ. ފަހެ، އެ އާޔަތްތަކުގައިވާ އެންމެ އަކުރެއް، އިބަ ރަސޫލާ ކިޔަވައިވިދާޅުވިއަސް، އޭގައިވާ މަތިވެރި ދަރަޖަ، އިބަ ރަސޫލާއަށް ލިބިވަޑައިނުގެން ނުދާހުއްޓެވެ. އަދި ފުރިހަމަ އީމާންކަމާ އެކުގައި އެ އާޔަތްތައް ކިޔެވި ކޮންމެ މުސްލިމަކަށް ވެސް ނުލިބި ނުދާހުއްޓެވެ.] سُورَةُ الْفَاتِحَةِ ކިޔެވުމަކީ، ޖިސްމާނީ ބަލިތަކަށް ޝިފާ ލިބޭ ކަމެއް ކަން ސުންނަތުންނާއި ތަޖުރިބާއިން ސާބިތުވެއެވެ. ... މާނައީ: أَبُو سَعِيدٍ الْخُدْرِيِّ hގެ އަރިހުން ރިވާވެގެން ވެއެވެ. އެ ޞަޙާބީ ވިދާޅުވިއެވެ. ތިމަންމެން ކުރި ދަތުރެއްގެ މަތީގައި ކޮންމެވެސް ތަނަކަށް ފޭބީމުއެވެ. އެ ވަގުތު އެ ތަނަށް އަންހެނަކު އައެވެ. އަދި އެ އަންހެން މީހާ ބުންޏެވެ. “މި ސަހަރުގެ ވެރިޔާގެ ގަޔަށް ބިޗުލެއް ކަހަލަ އެއްޗެއްގެ ވިހަ ކައްޓެއް ހެރިއްޖެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރޭގައި ރުޤްޔާކުރާ މީހަކު ވޭހެއްޔެވެ؟] ދެން، އެ އަންހެން މީހާއާ އެކު ތިމަންމެންގެ ތެރެއިން ކޮންމެވެސް ބޭފުޅަކު ވަޑައިގަތެވެ. އަދި އެ ބޭފުޅަކީ، ރުޤްޔާކުރައްވާން ފުރިހަމައަށް ދެނެވަޑައިގަންނަވާ ބޭފުޅަކު ކަމަކަށް ތިމަންމެން ހީއެއް ނުކުރަމެވެ. ދެން، އެ ބޭފުޅަކު ވަޑައިގެން ސޫރަތުލް ފާތިޙާ ކިޔަވައިވިދާޅުވެ ރުޤްޔާކުރެއްވިއެވެ. ދެން، ކަށިހެރި ވިހަވެފައިވާ މީހާއަށް ޝިފާލިބި އެ ބަލި ފަސޭހަވިއެވެ. އަދި އެ ކަމަށް ޓަކައި އެ ބޭފުޅަކަށް ބަކަރިތަކެއް ދިނެވެ. އަދި އޭގެ އިތުރަށް ތިމަންމެން ބޯނޭ ކިރު ވެސް ދިނެވެ. ދެން، އެ ތަނަށް ވަޑައިގެން ރުޤްޔާކުރެއްވި ޞަޙާބީއަށް ތިމަންމެން ދެންނެވީމެވެ. [ރުޤްޔާކުރައްވާން ތިބާ ދެނެވަޑައިގަންނަވަމުތޯއެވެ؟] ދެން އެ ޞަޙާބީ ވިދާޅުވިއެވެ. [ސޫރަތުލް ފާތިޙާ ފިޔަވައި އިތުރު އެއްޗެއް ތިމަން ނުކިޔަވަމެވެ.] ދެން، އެ ތާނގައި ތިއްބެވި ޞަޙާބީންނަށް ތިމަން ދެންނެވީމެވެ. رَسُولُ اللهِ ގެ އަރިހަށް ދެވޭނދެން އެބައިމީހުން ދިން ބަކަރިތަކަށް އެއްވެސް ގޮތެއް ނަހައްދަވާށެވެ! ދެންފަހެ، ތިމަންމެންނަށް މަދީނާއަށް އާދެވުމުން، رَسُولُ الله ގެ އަރިހަށް ތިމަންމެން ދިޔައީމެވެ. އަދި އެ ހިނގި ކަންތައްތަކުގެ ވާހަކަ، އެ ރަސޫލާގެ އަރިހުގައި ތިމަންމެން ދެންނެވީމެވެ. ދެން، އެ ކަން އެ ގޮތަށް ކުރައްވާން އެނގިވަޑައިގެންނެވި ކަމާ މެދު އަޖައިބުވެވަޑައިގެން ހުންނަވައި، ކައު އިތުރު ރަސޫލާ ޙަދީޘުކުރެއްވިއެވެ. [سُورَةُ الْفَاتِحَةِ އަކީ ރުޤްޔާއެއް ކަން އެ ޞަޙާބީއަށް އެނގިވަޑައިގަތީ ކިހިނަކުންހެއްޔެވެ! އެ ބަކަރިތައް ބައްސަވާށެވެ! އަދި އެއިން ބައެއް، ތިމަން ރަސޫލާއަށް ވެސް ދެއްވާށެވެ!] سُورَةُ الْفَاتِحَة ކިޔެވުމަކީ، اللهُ ގެ ޙަޟްރަތުގައި ބަސްދަންނަވައި މުނާޖާދެންނެވޭ ކަމެކެވެ. أَبُو هُرَيْرَةَ h ރިވާކުރައްވައިފައިވާ ޙަދީޘުފުޅެއްގައި އައިސްފައި ވެއެވެ. رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. اللهُ ވަޙީކުރެއްވިއެވެ. «قَسَمْتُ الصَّلَاةَ بَـيْنِي وَبَـيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ: (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) قَالَ اللهُ تَعَالَى: حَمِدَنِي عَبْدِي، وَإِذَا قَالَ: (الرَّحْمَنِ الرَّحِيمِ) قَالَ اللهُ تَعَالَى: أَثْـنَى عَلَيَّ عَبْدِي، وَإِذَا قَالَ: (مَالِكِ يَـوْمِ الدِّينِ) قَالَ: مَـجَّدَنِي عَبْدِي، فَإِذَا قَالَ: (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) قَالَ: هَذَا بَـيْنِي وَبَـيْنَ عَبْدِي، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ: (اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ» [8] މާނައީ: [ތިމަން إِلٰهއާއި ތިމަން إِلٰهُގެ އަޅާއާ ދެމެދު، ތިމަން إِلٰهُ ވަނީ، سُورَةُ الْفَاتِحَةِ ހަމަހަމައަށް ދެ ބަޔަކަށް ބައްސަވައިފައެވެ. އަދި، ތިމަން إِلٰهُގެ އަޅާ، ތިމަން إِلٰهُގެ ޙަޟްރަތުގައި އެދި ދެންނެވި ކަމެއް، ތިމަން إِلٰهُގެ އަޅާއަށް، ތިމަން إِلٰهُ ފުއްދަވައިދެއްވާހުށީމެވެ. ފަހެ، اللهُ ގެ އަޅާ (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) މި ފަދައިން ކިޔެވުމުން، اللهُ ވަޙީކުރައްވާނެތެވެ. ތިމަން إِلٰهُގެ އަޅާ ތިމަން إِلٰهއަށް ޙަމްދުދަންނަވައިފިއެވެ. ދެން، اللهُ ގެ އަޅާ (الرَّحْمَنِ الرَّحِيمِ) މި ފަދައިން ކިޔެވުމުން، اللهُ ވަޙީކުރައްވާނެތެވެ. ތިމަން إِلٰهُގެ އަޅާ، ތިމަން إِلٰهއަށް ތަޢުރީފުކޮށް ޘަނާދަންނަވައިފިއެވެ. ދެން، اللهُ ގެ އަޅާ (مَالِكِ يَـوْمِ الدِّينِ) މި ފަދައިން ކިޔެވުމުން، اللهُ ވަޙީކުރައްވާނެތެވެ. ތިމަން إِلٰهُގެ އަޅާ، ތިމަން إِلٰهُގެ މަތިވެރިވަންތަކަން ބަޔާންކޮށްފިއެވެ. ދެން، اللهُ ގެ އަޅާ (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) މި ފަދައިން ކިޔެވުމުން، اللهُ ވަޙީކުރައްވާނެތެވެ. މި ކަމަކީ، ތިމަން إِلٰهُގެ އަޅާއާއި ތިމަން إِلٰهއާ ދެމެދުގައި އޮތް ކަމެކެވެ. ވީމާ، ތިމަން إِلٰهُގެ އަޅާއަށް އެ އަޅާ އެދުނު ކަމެއް ހުއްޓެވެ. ދެން، اللهُ ގެ އަޅާ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) މި ފަދައިން ކިޔެވުމުން، اللهُ ވަޙީކުރައްވާނެތެވެ. މި ކަން މިވަނީ، ތިމަން إِلٰهُގެ އަޅާއަށް ޓަކައެވެ. އަދި ތިމަން إِلٰهُގެ އަޅާއަށް އެ އަޅާ އެދުނު ކަމެއް ހުއްޓެވެ.] أَبُو هُرَيْرَةَ hގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. «مَنْ صَلَّى صَلَاةً لَمْ يَـقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ هِيَ خِدَاجٌ هِيَ خِدَاجٌ غَيْـرُ تَـمَامٍ» فَقِيلَ لِأَبِي هُرَيْـرَةَ: إِنَّا نَكُونُ وَرَاءَ الْإِمَامِ؟ فَـقَالَ: «اقْـرَأْ بِهَا فِي نَـفْسِكَ» [9] މާނައީ: [މީހަކު، سُورَةُ الْفَاتِحَةِ ނުކިޔަވައި ނަމާދެއް ކޮށްފި ކަމުގައި ވާނަމަ، ފަހެ، އެ ނަމާދު އުނިވެއްޖެއެވެ. އެ ނަމާދު އުނިވެއްޖެއެވެ. އެ ނަމާދު އުނިވެއްޖެއެވެ. ފުރިހަމައެއް ނުވެއެވެ.] ދެން އެ ހިނދު، أَبُو هُرَيْرَة hއަށް ދެންނެވުނެވެ. [ތިމަންމެން، އިމާމާގެ ފަހަތުގައި ތިބޭ އިރު، سُورَةُ الْفَاتِحَةِ ކިޔަވާނީ ކިހިނަކުންތޯއެވެ؟] ވިދާޅުވިއެވެ. [ތިބާގެ ހިތުން ތިބާ އެ ސޫރަތް ކިޔަވާށެވެ!] މި ސޫރަތް ބާވައިލެއްވުން عَلِيُّ بْنُ أَبِي طَالِبٍ hގެ އަރިހުން ރިވާވެފައިވާ ކަމުގައި، اَلْإِمِامُ الْوَاحِدِي ނަޤްލުކުރެއްވިއެވެ. رَسُولُ اللهِ ގެ މައްޗަށް ވަޙީ ބާވައިލައްވާން ފެއްޓެވިފައި ވަނިކޮށް، އެ ރަސޫލާ، ގެކޮޅުން ނުކުމެވަޑައިގެންފި ނަމަ، «يَا مُحَمَّدُ» މި ފަދައިން ކިޔައި އެ ސާހިބާއަށް ގޮވައިލެވޭ އަޑު އިވިވަޑައިގަންނަވާ ކަމުގައި ވިއެވެ. ވުމާއެކު، އެ ފަދައިން ގޮވައިލެވޭ އަޑު އިވިވަޑައިގެންފި ނަމަ، ބިރުފުޅުން ފިލާވަޑައިގަންނަވައެވެ. ދެން، އެ ޚަބަރު وَرَقَةُ بْنُ نَـوْفَلއަށް ލިބިވަޑައިގަތުމުން ކައު އިތުރު ރަސޫލާއަށް ދެންނެވިއެވެ. [އެ ގޮތަށް، ތިބާއަށް ގޮވައިލެވޭ އަޑު އިވިވަޑައިގެންފިނަމަ، އެ ފަރާތަކުން ތިބާއަށް އެ ދަންނަވާ އެއްޗެއްގެ އަޑު ރަނގަޅަށް އެއްސެވުމަށް ޓަކައި ފިލާވަޑައިނުގެން، ސާބިތުވެވަޑައިގެން ހުންނަވާށެވެ!] عَلِيُّ بْنُ أَبِي طَالِب ވިދާޅުވިއެވެ. وَرَقَةُ بْنُ نَـوْفَلُގެ އެ ވަޞިއްޔަތަށް ފަހު، އެއްފަހަރަކު ކައު އިތުރު ރަސޫލާ ގެކޮޅުން ނުކުމެވަޑައިގަތް ހިނދު «يَا مُحَمَّدُ» މި ފަދައިން ކިޔައި އެ ރަސޫލާއަށް ގޮވައިލެވުމުން، ޖަވާބުގައި «لَـبَّـيْكَ» މިފަދައިން ވިދާޅުވިއެވެ. އެ ފަދައިން ވިދާޅުވުމުން ދެންނެވުނެވެ. [ތިބާ ވިދާޅުވާށެވެ!] «أَشْهَدُ أَنْ لَا إِلٰهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ» މާނައީ: [ اللهُ މެނުވީ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށް އަޅު ހެކިވަމެވެ. އަދި مُحَمَّدٌ އީ، اللهُގެ ރަސޫލާކަމަށް ވެސް އަޅު ހެކިވަމެވެ.] ދެން، އެއަށްފަހު ދެންނެވުނެވެ. [ތިބާ ވިދާޅުވާށެވެ!] (اَلْحـَمْدُ لِلَّهِ رَبِّ الْعَالَمِينَ) (الرَّحْمَنِ الرَّحِيمِ) (مَالِكِ يَوْمِ الدِّينِ) (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) މިހެން ގޮސް سُورَةُ الْفَاتِحَة ނިމޭންދެން ކިޔައިދެއްވުނެވެ. [10] ... (1) اللهُ ގެ އިސްމުފުޅުގެ ބަރަކާތުން ފަށަމެވެ. އެއީ، اللهُ ގެ ޙަޟްރަތުން ވާގިއެދި ހުރެ، މި އަޅާ ކުރާން މި ގަސްތުކުރާ ހެޔޮ ޢަމަލު ނިމުމަކަށް ދާނދެން އެ ކަމުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤުދެއްވައި، މި ޢަމަލު ޤަބޫލުކުރެއްވުން އެދޭ ޙާލުގައެވެ. اللهُ އީ، އެ إِلٰهއަށް ކިޔަމަންގަންނަ އަޅުންނަށާއި، ކިޔަމަންނުގަންނަ އަޅުންނަށާއި، އެންމެހައި ޚަލްޤުތަކުންނަށް، ދުނިޔޭގައި ކުދިބޮޑު ނިޢުމަތްތައް ދެއްވާ ރަޙުމާނުވަންތަ إِلٰهއެވެ. އަދި ދުނިޔޭގައި އުޅުނު އިރު، އެ إِلٰهއަށް ކިޔަމަންގަތް އަޅުންނަށް، އާޚިރަތުގައި ނުހަނު އޯގާވަންތަ ރަޙީމުވަންތަ إِلٰهއެވެ. ދަންނާށެވެ! ކޮންމެ ހެޔޮކަމެއް ކުރުމަށް ފަށައިގަތުމުގައި، اللهُ ގެ ނަންފުޅުގަތުމުގެ ގޮތުން ބިސްމި ކިޔުމަކީ، އެ إِلٰهُގެ ޙަޟްރަތުން އައިސްފައިވާ އިރްޝާދެކެވެ. عَنْ ابْنِ عَبَّاسٍ h قَالَ: «أَوَّلُ مَا نَـزَلَ جِبْرِيلُ عَلَى مُحَمَّدٍ قَالَ: يَا مُحَمَّدُ اِسْتَعِذْ، قُلْ: أَسْتَعِيذُ بِالسَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ، ثُـمَّ قَالَ: قُلْ: (بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ) [11] މާނައީ: اللهُ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވިއެވެ. “مُحـَمَّدٌ ގެ އަރިހަށް، جِبْرِيلُ އެންމެ ފުރަތަމަ ފައިބައިވަޑައިގެންނެވި ފަހަރު ވިދާޅުވިއެވެ. އޭ مُحَمَّدٌ އެވެ! ރައްކައުތެރިކަމަށް އެދިވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! އެންމެހައި ހެޔޮކަމަކުން ދުރުކުރެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްވުމަށް ޓަކައި، ހުރިހައި އަޑުތަކެއް މޮޅަށް އައްސަވައިވޮޑިގެންވާ އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ إِلٰهُގެ ޙަޟްރަތުން މި އަޅާ ރައްކައުތެރިކަން ލިބިގަންނަމެވެ.] އެއަށްފަހު، جِبْرِيلُ ވިދާޅުވިއެވެ. “އަދި ވިދާޅުވާށެވެ! ރަޙްމާންވަންތަ އަދި ރަޙީމުވަންތަ اللهُ ގެ އިސްމުފުޅުގެ ބަރަކާތުން އަޅު ފަށަމެވެ.” މިއެވެ. ވުމާއެކު، ކޮންމެ ހެޔޮ ކަމެއް ކުރާން ފަށައިގަންނައިރު ބިސްމި ކިޔުމަށް އިރްޝާދުދެއްވައި، رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. «كُلُّ أَمْرٍ ذِي بَالٍ لَا يُـبْدَأُ فِيهِ بِـبـِسْمِ اللهِ الرَّحْمٰنِ الرَّحِيمِ؛ فَـهُوَ أَبـْـتَـرُ»[12] މާނައީ: [އެ ކަމެއްގެ ނަތީޖާ ރަނގަޅުވުމަށް އެދޭ ކޮންމެ ހެޔޮ ކަމެއް ބިސްމީގެ ބަރަކާތުން ނުފަށާނަމަ، އެ ކަމަކީ އެއްވެސް ބަރަކާތެއްނުވާ ކަމެކެވެ.] އެހެންކަމުން، މުޞްޙަފު ލިޔާންފެށިފައި ވަނީ (بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ) އިންނެވެ. އަދި އެކިއެކި ރަސްރަސްކަލުންނަށާއި އަމީރުންނަށް، رَسُولُ اللهِ ފޮނުއްވި އެކިއެކި ފަތްކޮޅުތަކާއި، ސިޓީފުޅުތަކާއި، ކީރިތި ރަސޫލާ ލިޔުއްވި އެކިއެކި ލިޔުއްވުންތައް ފައްޓަވައިފައި ވަނީ، (بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ) އިންނެވެ. އަދި ސަބާގެ ރަނިކަމަނާ بَلْقِيسއަށް، سُلَيْمَانُ ސިޓީފުޅު ލިއުއްވި އިރު އެ ސިޓީފުޅު ފެއްޓެވީ ވެސް (بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ) އިންނެވެ. [13] ދަންނާށެވެ! سُورَةُ التَّـوْبَة ފިޔަވައި، ކީރިތި ޤުރްއާނުގެ އެހެނިހެން ސޫރަތްތައް ފަށާއިރު، ބިސްމި ލިޔުއްވައިފައި ވަނީ، އެ ސޫރަތްތައް ފަށާއިރު، ބިސްމި ލިޔުމާއި ކިޔުމަކީ، މުސްތަޙައްބު ކަމަކަށް ވާތީއެވެ. ނަމަވެސް، سُورَةُ التَّـوْبَة ފަށާއިރު، ބިސްމި ލިޔުއްވައިފައި ނުވަނީ، އެ ސޫރަތް ފަށާއިރު، ބިސްމި ލިޔުމާއި ކިޔުމަކީ މަކްރޫހަ ކަމަކަށް ވާތީއެވެ. ޝައްކެއްނެތެވެ. ބިސްމިއަކީ سُورَةُ النَّمْلُގެ އާޔަތެއްގެ އެއްބައެވެ. [14] އަދި ބިސްމިއަކީ، سُورَةُ التَّـوْبَةގެ އާޔަތެއް ނޫންކަމާ މެދު ހުރިހައި ޢިލްމުވެރީން ވެސް އެއްބަސްވެވަޑައިގެންފައި ވެއެވެ. ނަމަވެސް، ބިސްމިއަކީ، އެހެން ސޫރަތްތަކުގެ އާޔަތެއްކަމާ މެދު ޢިލްމުވެރީންގެ ރައުޔު ތަފާތުވެގެން ވެއެވެ. ބައެއް ޢިލްމުވެރީންގެ ނަޒަރުގައި، ބިސްމިއަކީ ހަމައެކަނި سُورَةُ النَّمْلُގެ އާޔަތެއްގެ އެއްބައެވެ. އަނެއްބައި ޢިލްމުވެރީންގެ ނަޒަރުގައި، ބިސްމިއަކީ سُورَةُ الْفَاتِحَةِގެ ފުރަތަމަ އާޔަތެވެ. އަދި سُورَةُ النَّمْلِ ގެ އާޔަތެއްގެ އެއްބައެވެ. އަނެއްބައި ޢިލްމުވެރީންގެ ނަޒަރުގައި، ބިސްމިއަކީ سُورَةُ التَّـوْبَة ފިޔަވައި އެހެން ކޮންމެ ސޫރަތެއްގެ ފުރަތަމަ އާޔަތެވެ. އަދި سُورَةُ النَّمْلِގެ އާޔަތެއްގެ އެއްބައި ވެސް މެއެވެ. اَلْإِمَامُ الشَّافِعِيގެ ރައުޔަކީ ވެސް މިއެވެ. ކޮންމެއަކަސް، ބިސްމިއާ މެދު ޢިލްމުވެރީންގެ ރައުޔު ތަފާތުވެފައި ވަނީ، ބައެއް ޤިރާއަތްތަކުގައި سُورَةُ التَّـوْبَةِ ފިޔަވައި ކޮންމެ ސޫރަތެއްގެ ކުރީގައި ބިސްމިކިޔުން ސާބިތުވެފައި، އަނެއްބައި ޤިރާއަތްތަކުގައި ބިސްމިކިޔުން ސާބިތުވެފައި ނުވާތީއެވެ. ކަން މިހެން ހުރުމާ އެކު، އެއިން ކޮންމެ ޤިރާއަތަކަށް ކިޔެވިކަމުގައި ވިއަސް އެ ކިޔެވުން ޞައްޙަވާނެއެވެ. [15] ބިސްމީގައިވާ ލަފްްޒުތަކުގެ ތެރެއިން އެކިއެކި ލަފްޒުގެ މާނަ ތިރީގައި މި ވަނީއެވެ. ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި، (بِسْمِ اللهِ) މި ޢިބާރާތުގައި މިވާ (ب)އަކީ، އެހީއާއި ވާގިލިބިގަތުމުގެ މާނައިގައި ބޭނުންކުރެވޭ (ب)އެވެ. (اِسْمُ) މި ލަފްޒުގެ މާނައަކީ ނަމެވެ. (اللهُ) މިއީ، ހަމައެކަނި اللهُ ގެ ޛާތުފުޅަށް ޚާއްޞަ ނަންފުޅެކެވެ. [16] ދެން، (ب)ގެ ފަހަތަށް އަނެއް ދެ ލަފްޒު ގުޅައިލުމުން އެކުލެވެނީ (بِسْمِ اللهِ) މި ޢިބާރާތެވެ. މާނައަކީ، اللهُ ގެ މަތިވެރި ޛާތުފުޅާއި އެ ޛާތުފުޅު ސިފަކުރެވޭ ކޮންމެ ސިފަފުޅަކުން ބަރަކާތާއި ވާގިއެދޭ ޙާލުގައި، އެ إِلٰهُގެ އިސްމުފުޅުން ފަށަމެވެ. މިއެވެ. ބަޔާންވެދިޔަ ފަދައިން، (اللهُ) މި އިސްމުފުޅަކީ، ހަމައެކަނި اللهُ ގެ ޛާތުފުޅަށް ޚާއްޞަ އިސްމުފުޅެކެވެ. ވީމާ، އެ އިސްމުފުޅު އެއްވެސް މަޚްލޫޤަކަށް ކިޔުން ހުއްދަވެގެނެއް ނުވެއެވެ. ދަންނާށެވެ! (اللهُ) މި އިސްމުފުޅު ނެގިފައި ވަނީ (اَلْإِلٰهُ) މި އިސްމުންނެވެ. ޢަރަބި ބަހުގައި (اَلْإِلٰهُ) މި އިސްމު ބޭނުންކުރެވެނީ، ޙައްޤު ގޮތުގައި ވިއަސް، ބާޠިލު ގޮތުގައި ވިއަސް މީސްތަކުން އަޅުކަންކުރާ ކޮންމެ ފަރާތަކަށެވެ. ކަން މިހެން ހުރުމާ އެކު ވެސް (اَلْإِلٰهُ) މި އިސްމު ކިޔުން މުސްލިމުންގެ މެދުގައި ޢާންމުވެފައި ވަނީ، ހަމަ އެކަނި އެ ފަރާތަކަށް އަޅުކަންކުރުން ޙައްޤުވެގެންވާ، اللهُ އަށެވެ. (اَلرَّحْمٰنއާއި اَلرَّحِيْمއާއި) މި ދެ އިސްމުފުޅަކީ، (رَحْمَة) މި ކަލިމައިން ނެގިފައިވާ ދެ އިސްމުފުޅެވެ. (رَحْمَة)ގެ މާނައަކީ އޯގާވެރިކަމެވެ. ކަން މިހެން ހުރުމާ އެކު ވެސް، (اَلرَّحْمٰن) މި އިސްމުފުޅުގެ މާނަ، (اَلرَّحِيْم) މި އިސްމުފުޅުގެ މާނައަށްވުރެން މާ ތަނަވަސްވެގެން ވެއެވެ. (اَلرَّحْمٰن) މި އިސްމުފުޅުގެ މާނައަކީ: އެންމެހައި ޚަލްޤުތަކުންނަށް، ދުނިޔޭގައި ކުދިބޮޑު ނިޢުމަތްތައް ދެއްވާ ރަޙްމާނުވަންތަ إِلٰهއެވެ. (اَلرَّحِيْم) މި އިސްމުފުޅުގެ މާނައަކީ: އާޚިރަތް ދުވަހުން، ހަމައެކަނި މުއުމިނުތަކުންނަށް ނުހަނު އޯގާވަންތަ ރަޙީމުވަންތަ إِلٰهއެވެ. ދަންނާށެވެ! اللهُ ފިޔަވައި އެހެން ފަރާތަކަށް (رَحْمٰن) މި އިސްމުފުޅު ނިސްބަތްކުރުން ހުއްދަވެގެނެއް ނުވެއެވެ. [17] ‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾ |
⚠️ މި ފޮތުގެ މުއައްލިފު ވަނީ 6 ފޮތް (އެބަހީ: ޖުޒް) ފިޔަވާ މުޅި ގުރްއާނުގެ ތަފްސީރު ލިޔުއްވާފައެވެ. އަދި އޭގެ ތެރެއިން މި ސައިޓުގައި މި ވަގުތު ލިބެން ހުރީ 1، 2، 29، 30 ވަނަ ފޮތެވެ. އަދި ނަމްބަރުތަކާއި ސިމްބޮލްތަކާއި ފުޓްނޯޓުތަކުގައި މައްސަލަ އުޅޭނެއެވެ. އިން ޝާއަ ﷲ ކުރިއަށް އޮތް ތާންގައި އެ ކަންތައްތައް ހައްލުކޮށް، ދެން ހުރި ފޮތްތައް ވެސް ހިމެނިގެން ދާނެއެވެ. ⚠️
مصدر النص: تفسير القرآن الكريم - لجعفر فائز
Dhivehi | Explanation of the Noble Quran - Jaufar Faiz
އަސްލު ފޮތުގެ މަސްދަރު: ކީރިތި قرآن ގެ ތަފްސީރު | ލިޔުއްވީ: ޖަޢުފަރު ފާއިޒު
(15/7/2021 މ. - 5/12/1442 ހ. - 60 އަހަރު) | ދެކުނުގެ / ސ. މީދޫ.
ފޮތް ޑޭޓާބޭސްއަށް ޑިޖިޓައިޒު ކުރާ ސްކްރިޕްޓް ހެދީ މުޙައްމަދު ޖައިލަމް. جزاه الله خيرا.
ސާރޗު ކުރުމަށް ފަހު އެ އާޔަތެއް ހުރި ތަނަށް ދިޔުމަށް، ދައްކާ ނަތީޖާގައި ދެ ފަހަރު ފިތާލާށެވެ.
އެހެން ތަރުޖަމާއަކަށް ބަދަލު ކުރުމަށް، މެނިއޫއަށް ގޮސް އެހެން ތަރުޖަމާއެއް ޚިޔާރު ކުރާށެވެ. ހަމަ ކުރިންވެސް ކިޔަން ހުރި އާޔަތަށް ދެވޭނެއެވެ.
ފޯނުގައި ކުރީ ނުވަތަ ފަހަތް އާޔަތަށް ދިޔުމަށް، ކަނާތާއި ވާތަށް ސްވައިޕް ކުރާށެވެ. އަދި ޑެސްކްޓޮޕްގައި އެހެން ހެދުމަށް، އެއް ފަހަރު އާޔަތަކަށް ކްލިކް ކުރުމަށް ފަހު، ދެން ކީބޯޑުގައި މައްޗަށް އަދި ތިރި އެރޯ ކީއަށް ފިތާލާށެވެ. އަދި ކޮޕީ ކުރުމަށް ކޮޕީ ބަޓަންއަށް ފިތާލާށެވެ.
މި ސަފުހާގައިވާ އާޔަތްތައް ކޮޕީކުރުމަށް ފަހު، ޑެސްކްޓޮޕް ވޯޑުގައި ރީތިކޮށް ދެއްކުމަށްޓަކައި، އުޘްމާން ޠާހާ ފޮންޓު ބޭނުން ކުރެވިދާނެއެވެ.
ޑެސްކްޓޮޕްގައި އޮފްލައިންކޮށް މި ސަފުހާ ބޭނުންކުރަން އެދޭނަމަ، ބްރައުސާގައި ހުންނަވާއިރު ކީބޯޑުގައި ctrl+s އަށް ފިތާލުމަށްފަހު، ކޮމްޕްލީޓް ވެބްޕޭޖް html. ފައިލެއްހެން ސޭވްކޮށްގެން ބޭނުން ކުރެވިދާނެއެވެ. އޭގެ ފަހުން އަދާހަމަކުރަން އެދޭނަމަ އަލުން އެގޮތަށް ސޭވް ކުރާނީއެވެ.
މުޤައްދިމާ
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
މުއައްލިފުގެ ތަޢާރަފެއް
اللهُ އަށް ޙަމްދުކުރަމެވެ. އަދި ކައު އިތުރު ރަސޫލާ، مُحَمَدٌ ގެ އަރިހަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަމެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި އެ ރަސޫލާގެ އިތުރު އާލުންނާއި، މިތުރު ޞަޙާބީންނާއި، ޤިޔާމަތާ ހަމައަށް އެ ރަސޫލާއާ ތަބާވާ އެންމެހައި މުސްލިމުން ޝާމިލުކުރަމެވެ.
މި ތަފްސީރުގެ މުޞައްނިފު އައްޝައިޚު ޖަޢުފަރު ފާއިޒު ޢަބްދުﷲ، އަޅުގަނޑު އެދުނު އެދުުމެއްގެ މަތީން މާލެ ވަޑައިގެން މި ތަފްސީރުގެ މަސައްކަތް ފައްޓަވައި ދެއްވީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މަސައްކަތުގައި މެދުކެނޑުމެއް ނެތި، 9 އަހަރު އުޅުއްވުމަށް ފަހު، މި ފަނާވެދަނިވި ދުނިޔެ ދޫކުރެއްވީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަދުވަހުއެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި، ކީރިތި ޤުރްއާނުގެ 17 ފޮތުގެ ތަފްސީރު ވަނީ ސަބަބުއްނުޒޫލާއި އެކު މުޅީން ފުރިހަމަ ކުރައްވައިފައެވެ. އަދި 6 ފޮތުގެ ތަފްސީރު ވަނީ ނިންމަވާފައެވެ.
އައްޝައިޚު ޖަޢުފަރު ފާއިޒު ޢަބްދުﷲ އަކީ މާތް އަޚުލާގެއްގެ ވެރި، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވި އިލްމުވެރި ބޭފުޅެކެވެ. އަދި މުޅި އުމުރުގެ ބޮޑުބައި ހޭދަކުރެއްވީ މީސްތަކުންނަށް އިސްލާމްދީނުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެއްވުމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށާއި މަގުދެއްކެވުމަށް މަސައްކަތްކުރެއްވުމުގައެވެ.
އައްޝައިޚު ޖަޢުފަރު ފާއިޒަކީ ދިރިއުޅުގެ ތަފާތު ހުނަރުތައް ދަސްކުރައްވާ، ގިނަ ދާއިރާތަކަކުން ތަމްރީނު ހޯއްދެވުމަށް ފަހު މުޖުތަމަޢަށް ޚިދުމަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މި ގޮތުން މެޑިކަލް ޓެކްނޮލޮޖީއާއި މުވާސަލާތީ ސާމާނު ބެލެހެއްޓުމުގެ ދާއިރާއިން ތަމްރީނު ހޯއްދެވިއެވެ.
އެއަށް ފަހު، ސަޢޫދީ ޢަރަބިއްޔާގެ އިމާމު މުޙައްމަދު ބިން ސަޢުދު ޔުނިވަރސިޓީއިން އިސްލާމިކް ޝަރީޢާ އެންޑް ލޯގެ ދާއިރާއިން އެލް.އެލް.ބީ ޑިގްރީ ވަނީ ޙާޞިލުކުރައްވާފައެވެ. އަދި އެއަށްފަހު، ހަމަ އެ ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ ކޮމްޕެރަޓިވް ޖުރިސްޕްރޫޑެންސްގެ ދާއިރާއިންނެވެ،
އަދި އިނގިރޭސި، ޢަރަބި، އުރުދޫ ބަސް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި ރަޝީޔާ ބަހުން ވާހަކަދައްކަވާން އެނގިވަޑައިގަންނަވައެވެ. އެހެންކަމުން، ގިނަ ބަޔަކާއި މުއާމަލާތުކުރައްވާ ދުނިޔެއަށް ހޭލުންތެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ އެކިއެކި ޔުނިވަރސިޓީތަކުގައި ކިޔަވާދެއްވުމުގެ އިތުރުން އެގައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައި ދަޢުވާގެ މަސައްކަތުގައި ކޯޑިނޭޓަރެއްގެ މަޤާމުގައި އަށް އަހަރު މަސައްކަތްކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ކުރީގެ ސޯވިއެޓް ޔޫނިއަންގެ ވެރިރަށް މޮސްކޯގެ ހަޔަރ އިސްލާމިކް ކޮލެޖުގައި އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ ގޮތުގައި ހަ އަހަރު ދުވަހު މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި މީގެ އިތުރުން ޕާކިސްތާނުގެ އަބޫބަކުރު ޔުނިވަރސިޓީގެ ކޮލެޖް އޮފް ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ ގޮތުގައި ދެ އަހަރެއްހާ ދުވަހު ޚިދުމަތްކުރައްވާފައި ވެއެވެ.
އައްޝައިޚު ޖަޢުފަރު ފާއިޒު ޢަބުދުﷲ ދުނިޔެ ދޫކުރެއްވިއިރު އަނބިކަބަލަކާއި ދެ އަންހެން ބޭފުޅުން އަދި އެއް ފިރިހެން ބޭފުޅަކު ތިއްބެވިއެވެ.
މި ތަފްސީރު ވިދާޅުވާ އެންމެހައި އަޚުންނާއި އުޚުތުންގެ އަރިހުން އަޅުގަނޑު އެދެނީ، ﷲގެ އޯގާވަންތަކަމާއި، ރަޙްމަތްވަންތަކަމުން، އައްޝައިޚު ޖަޢުފަރު ފާއިޒުގެ މި މަސައްކަތުގައި ބަރަކާތްލައްވާ، ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ދުޢާކޮށްދެއްވުމެވެ. އާމީން!
އިސްމާޢީލު ޝަރީފު މުޙައްމަދު ގ. އަލިރެސް މާލެ
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
އިސްބަސް
إنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْـتَعِينُهُ وَنَسْتَغْفرُهُ وَنَـعُوْذُ بِاللهِ مِنْ شُرُورِ أَنْـفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَـهْدِهِ اللهُ فَلاَ مُضِلَّ لَهُ وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَإِلَه إِلاَّ اللهُ وَحْدَهُ لاَشَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَبَعْدُ.
ހަމަކަށަވަރުން، އެންމެހައި ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ، اللهُ އަށެވެ. އަޅަމެން ޙަމްދުކުރަނީ، ހަމައެކަނި އެ إِلٰهއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އެ إِلٰهގެ ޙަޟްރަތުންނެވެ. އަދި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ވެސް، ހަމައެކަނި އެ إِلٰهއަށެވެ. އަދި އަޅަމެންގެ ނަފްސުގެ ނުބައިކަމާއި ޢަމަލުގެ ނުބައިކަމުން، އަޅަމެން ރައްކައުތެރިކޮށްދެއްވައި ސަލާމަތްކޮށްދެއްވުން އެދި، اللهُ ގެ ޙަޟްރަތުގައި ދަންނަވަމެވެ. اللهُ ، އެ މީހަކަށް ތެދުމަގުދައްކަވައިފި މީހަކު މަގުފުރެއްދޭނޭ މީހަކު، އަދި، އެ إِلٰهُ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކައިދެވޭނޭ ހަމަ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. اللهُ ފިޔަވައި، އެ ފަރާތަކަށް އަޅުކަންކުރުން ޙައްޤުވެގެންވާ އެއްވެސް އެހެން ފަރާތެއް ނުވާކަމަށް އަޅު ހެކިވަމެވެ. اللهُ އީ، އެއްކައުވަންތަ إِلٰهއެވެ. އެ إِلٰهއަށް އެއްވެސް ބައިވެރިއަކު އަދި ޝަރީކަކު ނުވެއެވެ. އަދި ހަމަކަށަވަރުން، مُـحَمّد އީ، اللهُ ގެ އަޅާ ކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ.
އެއަށް ފަހު ދަންނާށެވެ! ހަމަކަށަވަރުން، ދުނިޔޭގެ އެންމެން ވެސް މި ވޭތުކުރަމުންދާ ދުވަސްވަރަކީ، ފިތުނައިން ފުރިގެންވާ ދުވަސްވަރެކެވެ. ކަން މިހެން ހުރުމާ އެކު، އެ ފިތުނަތަކުން ސަލާމަތްވެވޭނީ، ކީރިތި ޤުރްއާނުގައިވާ ގޮތަށް ޢަމަލުކުރުމުންނެވެ. އެހެނީ، ކުރީގެ މީހުންގެ ޚަބަރުތަކާއި ފަހުގެ މީހުންގެ ޚަބަރުތައް އެ ފޮތުގައި ވެއެވެ.
އަދި މީސްތަކުންގެ މެދުގައި ޙުކުމުކުރާންވީ ގޮތުގެ ތަފްޞީލުތައް އެ ފޮތުގައި ވޭމެއެވެ. އެ ފޮތުގައި ވަނީ، ސީދާވެގެންވާ ނިޔާއެވެ. އެ ފޮތުގައި ވަނީ، އެއްގޮތަކަށް ވެސް ތޯތޯ ވާހަކަތަކެއް ނޫނެވެ. އެ ފޮތުގައިވާ ގޮތަށް ނޫޅެ، އެ ފޮތަށް ފުރަގަސްދީ ބޮޑާވެ، އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރުމަށް އިންކާރުކޮށްފި މީހާ ދަންނާށެވެ! ފަހެ، اللهُ އިރާދަކުރެއްވި ކޮންމެ ގޮތަކަށް އެ މީހަކު ހިއްޕަވައި، އެ މީހާގެ އެ ޢަމަލާ އެކަށޭނަ ޢުޤޫބާތް، އެ މީހަކަށް، އެ إِلٰهُ ދެއްވާނެތެވެ. އަދި އެ ފޮތް ނޫން އެހެން އެއްޗަކުން، ތިމާގެ ދީން ހޯދާން އެދޭ މީހާ މަގުފުރައްދަވާނެތެވެ. އެ ފޮތަކީ، اللهُ ގެ އަޅުތަކުން، އެ إِلٰهއާ ގުޅުވައިދޭ އެންމެ ގަދަފަދަ ވައުފަށެވެ. އެއީ، އެންމެ ޙިކްމަތްތެރި ޛިކްރެވެ. އެ ފޮތުގައި ވަނީ އެންމެ ސީދާ ތެދުމަގެވެ. ވުމާއެކު، ތިމާގެ ނަފްސުގެ އެދުންތައް އެ ފޮތުގައިވާ ގޮތާ އެއްގޮތްވެއްޖެ މީހާ ސީދާމަގުން ހިނގައިފިއެވެ.
ޝައްކެއްނެތެވެ. އެ ފޮތަކީ ދޫތަކަށް އޮޅޭނޭ ފޮތެއް ނޫނެވެ. އަދި ކަނޑު އެއީ ލިޔާން ބޭނުންކުރާ ދަވާދު ކަމުގައި ވެފައި، އެއިގެ ތެރެއަށް އަދި އެ ފަދަ އެއް ކަނޑު އިތުރުކުރެވުނު ކަމުގައި ވިއަސް އެ ފޮތުގައިވާ ޢިލްމު ލިޔެ ހުސްވުމަކީ، ފަހަރެއްގައި ވެސް ވާނޭ ކަމެއް ނޫނެވެ. އަދި އެ ފޮތް ކިޔަވައި ދަސްކޮށް، އެ ފޮތުގައިވާ ޢިލްމު އުނގެނޭ މީހުންގެ ގިނަކަމުން، އެ ފޮތަށް ބާކަމެއް ނާންނަހުއްޓެވެ. އަދި އެ ފޮތުގައިވާ އަޖައިބުތަކާއި މުޢުޖިޒާތްތައް ދުވަހަކު ވެސް ހުސްނުވާނެއެވެ. އެ ޤުރްއާނަކީ، އޭގެ އަޑުއިވުމުން، ހަމަކަށަވަރުން ވެސް، އަޖައިބުތަކުން ފުރިގެންވާ ޤުރްއާނެއްގެ އަޑު ތިމަންމެންނަށް އިވިއްޖެއެވެ. މި ފަދައިން ޖިންނީން ބުނެ، އެ ފޮތަށް އީމާންވެ، އެ ފޮތް މަގުދައްކައިދެނީ ޙައްޤު ތެދު މަގަށް ކަމުގައި، އެ ޖިންނީން ބުނި ފޮތެވެ. އެހެންކަމުން، ކީރިތި ޤުރްއާން އުނގެނި، އުނގަންނައިދީ އަދި ޤުރްއާން ކިޔެވުމުން ލިބޭ މާތްކަމާއި މަތިވެރިކަން ލިބިގަތުމަކީ، ކޮންމެ މުސްލިމަކުމެ ކޮންމެހެން ވެސް ކުރާންޖެހޭނޭ ކަމެކެވެ. ކަން މިހެން ހުރުމާއެކު، ކީރިތި ޤުރްއާނުގެ އެއްވަނަ ފޮތުގެ ކުރު ތަފްސީރެއް ދިވެހި އަޚުންނާއި އުޚްތުންގެ އަރިހަށް ގެނެސްދެމެވެ.
ޝައްކެއްނެތެވެ. ކިތަންމެ ކުރުކޮށް ނަމަވެސް ކީރިތި ޤުރްއާނުގެ ތަފްސީރެއް ލިޔުމަކީ ނުހަނު ބުރަ އަދި އެހައިމެ ދިގު މަސައްކަތެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، މި މަސައްކަތް ނިމުމަކަށް ދާނދެން މި މަސައްކަތުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވައި، މި މަސައްކަތަކީ، اللهُ ޤަބޫލުކުރައްވަނިވި މަސައްކަތެއް ކަމުގައި ލެއްވުމުވެ. އަދި ހުރިހައި ރޮނގަކުން ވެސް މި މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހައި ފަރާތްތަކަށާއި، އަޅުގަނޑަށް ކުރެވިފައިވާ ކުށްފާފަތައް ފުއްސަވައިދެއްވަނިވި ސަބަބެއް ކަމުގައްޔާއި، އަޅުގަނޑުމެން އެންމެންނަށް ރަޙްމަތްލައްވައި ސުވަރުގެ ވައްދަވަނިވި ވަސީލަތެއްކަމުގައި، އަޅުގަނޑުމެންގެ މި މަސައްކަތް، اللهُ ލެއްވުމެވެ. އަދި ހަމަ އެހެންމެ، އަޅުގަނޑުމެންގެ ދުޢާއަކީ، މި ތަފްސީރު ވިދާޅުވާ ހުރިހައި ދިވެހި އަޚުންނާއި އުޚްތުންނަށް
މި ތަފްސީރުން ފައިދާ ޙާޞިލުކުރެއްވޭނޭ މަގު ފަހިކޮށްދެއްވައި، މީސްތަކުންނަށް ޓަކައި، اللهُ ރުއްސެވި އިސްލާމް ދީނުގައިވާ ގޮތަށް އުޅުއްވުމުގެ ހެޔޮ ތައުފީޤު، އެންމެހައި ދިވެހި އަޚުންނާއި އުޚްތުންނަށް، އެ إِلٰهُ މިންވަރުކޮށްދެއްވުމެވެ.
22 ޖުމާދިލްއޫލާ 1439
8 ފެބްރުއަރީ 2018
ޖަޢުފަރު ފާއިޒު
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ޝުކްރުގެ ބަހެއް
اللهُ އަށް ޙަމްދުކުރަމެވެ. އަދި ކައު އިތުރު ރަސޫލާ، مُحَمَدٌ ގެ އަރިހަށް ޞަލަވާތާއި ސަލާމުގެ ގުލްދަސްތާތަކުން ވެދުންކުރަމެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި އެ ރަސޫލާގެ އިތުރު އާލުންނާއި، މިތުރު ޞަޙާބީންނާއި، ޤިޔާމަތާ ހަމައަށް އެ ރަސޫލާއާ ތަބާވާ އެންމެހައި މުސްލިމުން ޝާމިލުކުރަމެވެ.
ޝައްކެއްނެތެވެ. މީހުން ކޮށްދޭ ކަންކަމުގެ އަގުވަޒަންކޮށް އެބައިމީހުންނަށް ޝުކްރުގެ ބަސްތަކުން ވެދުން ކުރުމަކީ ވެސް، اللهُ އަށް ޝުކްރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. رَسُولُ اللهِ ޙަދީޘުކުރައްވައިފައި ވެއެވެ. «لاَ يَشْكُرُ اللهَ مَنْ لاَّ يَشْكُرُ النَّاسَ» މާނައީ: [މީސްތަކުންނަށް ޝުކްރުނުކުރާ މީހާ، اللهُ އަށް ޝުކްރުވެރި ވީ ކަމުގައެއް ނުވެއެވެ.] ކަން މިހެން ހުރުމާއެކު، އެއްވަނަ ފޮތުގެ ތަފްސީރު ލިޔެ ނިންމުމުގެ ތައުފީޤު ދެއްވިކަމަށް ޓަކައި، اللهُ އަށް ޝުކްރުދަންނަވަމެވެ. އެއަށް ފަހު، ޚާއްޞަ ޝުކްރެއް ދަންނަވަނީ، މި މަސައްކަތްކުރުމުގެ ހުރިހައި މަގުތަކެއް އަޅުގަނޑަށް ތަނަވަސްކޮށްދެއްވި، اَلْأَخُ إِسْمَاعِيلُ شَرِيفُ مُحَمَّدއަށެވެ. އަދި މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ހުރިހައި ބޭފުޅުން ވެސް އެ ޝުކްރުގައި ޝާމިލުކުރަމެވެ.
އަޅުގަނޑުގެ ދުޢާއަކީ، މި މަސައްކަތްކުރުމުގެ ހުރިހައި މަގުތަކެއް އަޅުގަނޑަށް ތަނަވަސްކޮށްދެއްވި اَلْأَخُ إِسْمَاعِيلُ شَرِيفُ مُحَمَّدُގެ ކިބައިންނާއި އަޅުގަނޑުގެ ކިބައިން، اللهُ މި މަސައްކަތް ޤަބޫލުކުރައްވައި، މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ހުރިހައި ފަރާތެއްގެ ޢަމަލު ވެސް، އެ إِلٰهُ ޤަބޫލުކުރެއްވުމެވެ. އަދި މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ހުރިހައި ބޭފުޅުންނާއި، އެ ބޭފުޅުންގެ މައިންބަފައިންނާއި، ޢާއިލާއާއި ގާތްތިމާގެ ބޭފުޅުން ވެސް، މި މަސައްކަތުގެ ވަސީލަތުން، ނަރަކައިގެ ޢަޛާބުން ދިންނަވައި، އެ އެންމެ ބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް، اللهُ މިންވަރުކޮށްދެއްވުމެވެ.
އަދި، އަޅުގަނޑުގެ ދުޢާއަކީ، މި ތަފްސީރު ވިދާޅުވާ ހުރިހައި ދިވެހި އަޚުންނާއި އުޚްތުންނަށް، މި ތަފްސީރުން ފައިދާ ޙާޞިލުކުރެވޭނޭ މަގު ފަހިކޮށްދެއްވައި، މީސްތަކުންނަށް ޓަކައި، اللهُ ރުއްސެވި އިސްލާމް ދީނުގައި، އެ إِلٰهُ އަންގަވައިފައިވާ ގޮތަށް އުޅުއްވުމުގެ ހެޔޮ ތައުފީޤު އެންމެހައި ދިވެހި އަޚުންނާއި އުޚްތުންނަށް، އެ إِلٰهُ މިންވަރުކޮށްދެއްވުމެވެ.
ޖަޢުފަރު ފާއިޒު
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ތަފްސީރުގެ މުޤައްދިމާ
إنَّ الْـحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَـغْفِرُهُ وَنَـعُوْذُ بِاللهِ مِنْ شُرُورِ أَنْـفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللهُ فَلاَ مُضِلَّ لَهُ وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَإِلَهَ إِلاَّ اللهُ وَحْدَهُ لاَشَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَبَـعْدُ.
އެންމެހައި ޙަމްދުޘަނާއާއި ތަޢުރީފު ދަންނަވަނީ، އަޅުތަކުންނަށް ހެޔޮކަންތައްތައް ކުރުމުގެ ތައުފީޤުދެއްވައި، އެ ކަންކަމަށް މަގު ފަހިކޮށްދެއްވާ ދީލަތިވަންތަ އޯގާވަންތަ اللهُ އަށެވެ. ޞަލަވާތާއި ސަލާމުގެ ރަންހާރުތައް އަރިސްކުރަނީ، ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ސާހިބާ، އަޅަމެންގެ ނަބިއްޔާ مُحَمَّدٌ އާއި، އެ ނަބިއްޔާގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ހަމަޔަށް އެ ނަބިއްޔާއާ ތަބާވީހައި ބަޔަކަށެވެ.
ކީރިތި މޫރިތި ޤުރްއާނަކީ އިންސީންނާއި ޖިންނީންނަށް ތެދުމަގު ބަޔާންކޮށްދެއްވުމަށް، اللهُ ބާވައިލެއްވި އެންމެ ފަހުގެ ސަމާވީ ފޮތެވެ. އެ ފޮތުގައިވާ ވާހަކަތަކާ މެދު ވިސްނައި، ފިކުރުކޮށް، ޙައްޤާއި ބާޠިލު ވަކިކޮށް ދެނެގަތުމަކީ ނުހަނު ފަސޭހަކަމެއް ކަމުގައި، އެ إِلٰهُ ލެއްވިއެވެ. މި ކަމަށް އިޝާރާތްކުރައްވައި، އެ إِلٰهُ ވަޙީކުރެއްވިއެވެ. ( وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَـهَلْ مِن مُّدَّكِرٍ)¹ [1- سُورَةُ الْقَمَرِ اَلْآيَة: 17] މާނައީ: “އަދި ހަމަކަށަވަރުން، ތިމަން إِلٰهُ ވަނީ، ކީރިތި ޤުރްއާން ދަސްކޮށް، އެ ފޮތުގައިވާ ވާހަކަތައް ވިސްނައިގަތުން ނުހަނު ފަސޭހަކޮށްދެއްވައިފައެވެ. ފަހެ، އެ ފޮތުގައިވާ ވާހަކަތަކުން ނަސޭހަތްލިބިގަންނަ މީހަކު އެބަވޭހެއްޔެވެ؟” އަދި އަޅުގަނޑުމެންގެ މާތް ނަބިއްޔާ مُحَمَّدٌ ޙަދީޘުކުރެއްވިއެވެ. «خَيْـرُكُمْ مَنْ تَـعَلَّمَ الْقُرْآنَ وَعَلَّمَهُ » ² [2- صَحِيحُ الْـجَامِعِ لِلْإِمَامِ الْبُخَارِي رَقْمُ الْحَدِيثِ 5027]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރްއާން އުނގެނި، އެ ޤުރްއާން އުނގަންނައިދޭ މީހާއެވެ.” ވީމާ، އަޅުގަނޑު ވެސް އެ ހެޔޮކަން ލިބިގަތުމަށް ޓަކައި، الله ގެ ޙަޟްރަތުން ވާގިއެދި ހުރެ، އަޅުގަނޑު މި މަސައްކަތް ކުރަނީ، ކީރިތި ޤުރްއާނުގެ ކުރު ތަފްސީރެއް ލިޔެވޭތޯއެވެ. އެ ގޮތުން، ދިވެހި އަޚުންނާއި އުޚްތުންގެ އަރިހަށް މި ގެނެސްދެނީ، ކީރިތި ޤުރްއާނުގެ އެއްވަނަ ފޮތުގެ ތަފްސީރު ވަރަށް ކުރުގޮތަކަށެވެ. މި ތަފްސީރު ލިޔެފައި ވަނީ، ޢަރަބި ބަހުން ލިޔެފައިވާ ބޮޑެތި ބައެއް ތަފްސީރުތަކާއި، ކުރު ބައެއް ތަފްސީރުތަކާއި، ދިވެހިބަހުން ލިޔެފައިވާ ތަފްސީރުތަކާއި ތަރްޖަމާތައް ބަލައި، އެ ފޮތްތަކުގެ އަލީގައެވެ. މި ތަފްސީރު ލިޔުމުގައި ބަލައިފައިވާ ތަފްސީރު ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެއެވެ.
-1 އަލްއިމާމު ފަޚުރުއްދީނު އައްރާޒީގެ އައްތަފްސީރުލްކަބީރު
-2 އަލްއިމާމު އަލްޤުރުޠުބީގެ އަލްޖާމިޢު ލި އަޙުކާމިލްޤުރްއާނި
-3 އަލްއިމާމު އަލްބައިޟާވީގެ ތަފްސީރު
-4 އަލްއިމާމު އިބުނު ކަޘީރުގެ ތަފްސީރުލްޤުރްއާނިލްޢަޡީމި
-5 އަލްއިމާމު ޢަބްދުއްރަޙްމާނު އައްސަޢްދީގެ ތައިސީރުލްކަރީމިއްރަޙްމާނި
-6 ޑރ. މުޙައްމަދު ސުލައިމާނުލްއަޝްޤަރުގެ ޒުބުދަތުއްތަފްސީރު
-7 ޑރ. މުޙައްމަދު ޙިޖާޒީގެ އައްތަފްސީރުލްވާޟިޙު
-8 އައްޝައިޚު މުޙައްމަދު ޢަލީ އައްޞާބޫނީގެ ޞަފުވަތުއްތަފާސީރި
-9 އަލްއިމާމު އިބުނު ޖަރީރުއްޠަބަރީގެ ތަފްސީރު ޖާމިޢުލްބަޔާނި
-10 އަލްއިމާމު މުޤާތިލު ބިން ސުލައިމާނުގެ ތަފްސީރު
11- އަލްއިމާމު އައްސުޔޫޠީގެ އައްދުއްރުލްމަންޘޫރު ފިއްތަފްސީރި ބިލްމައުޘޫރި
21- ޑޮކްޓަރ ޢާއިޟުލްޤަރުނީގެ އައްތަފްސީރުލްމުޔައްސަރު
31- ސުޢޫދީ ޢަރަބިޔާގެ އިސްލާމިކް މިނިސްޓްރީން ނެރުއްވައިފައިވާ އައްތަފްސީރުލްމުޔައްސަރު
41- ސުޢޫދީ ޢަރަބިޔާގެ މަރުކަޒު ތަފްސީރި ލިއްދިރާސާތިލްޤުރްއާނިއްޔާއިން ނެރުއްވައިފައިވާ އަލްމުޚުތަޞަރު ފިއްތަފުސީރި
އަދި މި ތަފްސީރު ލިޔުމުގައި ބައެއް ޙަދީޘު ފޮތްތަކާއި، ތައުޙީދު ފޮތްތަކާއި، ޢުލޫމުލްޤުރްއާނުގެ ބައެއް ފޮތްތައް ބަލައިފައި ވެއެވެ. އަދި ހަމަ އެހެންމެ، ބަޔާންވެދިޔަ ފޮތްތަކުގެ އިތުރަށް، ދިވެހި ބަހުން ލިޔެފައިވާ ބައެއް ތަފްސީރު ފޮތްތަކާއި ތަރުޖަމާތައް ވެސް ބަލައިފައި ވެއެވެ. އޭގެ ތެރެއިން ބައެއް ފޮތްތަކަކީ:
1- ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމީލު ދީދީގެ އަލްބަޔާން
2- އައްޝައިޚު މަލިންގޭ ޙުސައިން ދީދީގެ ތަފްސީރު
3- އައްޝައިޚު އަބޫބަކުރު އިބްރާޙީމު ލިޔުއްވި ތަފްސީރު
4- ރައީސުލް ޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާޙީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ ބެއްލެވުމުގެ ދަށުން 1395 / 1975 ވަނަ އަހަރު ނެރުއްވައިފައިވާ ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ.
5- ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން 2007 ވަނަ އަހަރު ޝާއިޢުކުރައްވައިފައިވާ އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ.
ދަންނާށެވެ! اللهُ ، ކީރިތި ޤުރްއާން ބާވައިލައްވައިފައި ވަނީ، މީސްތަކުން އެ ފޮތުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ. ކުރެވޭ އަޅުކަމެއްގެ ގޮތުން ކިޔަވައި އުޅުމަށް ޓަކައެވެ. އެ ފޮތުގައިވާ އާޔަތްތަކާ މެދު ވިސްނައި، ފިކުރުކޮށް، ޢިބުރަތް ލިބިގަތުމަށް ޓަކައެވެ. އެ ފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ޢަމަލުކުރުމަށް ޓަކައެވެ.
ހިތުގެ ބަލިތަކަށާއި ހަށިގަނޑުގެ ބަލިތަކަށް، އެ ފޮތުން ޝިފާ ލިބިގަތުމަށް ޓަކައެވެ. އަދި ކީރިތި ޤުރްއާނަކީ، އިސްލާމް ދީނުގެ އަޞްލު މަޞްދަރެވެ. އެންމެހައި މީސްތަކުން ތަބާވާންޖެހޭ، އިލާހީ ޤާނޫނެވެ. އެ ފޮތުގައިވާ މަގުން އެއްކިބާވެ، އެ ފޮތަށް ފުރަގަސްދީފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެ މީހާ ދެ ދުނިޔެއިން ގެއްލި ދިޔައީއެވެ. ކަން މިހެން ހުރުމާއެކު، ކީރިތި ޤުރްއާނަކީ ކޮބައިކަމާއި، އެ ފޮތުގެ މާތްކަމާއި، އެ ފޮތް އުނގެނި ދަސްކުރުމާ ގުޅޭ، ބައެއް އަދަބުތައް ތިރީގައި މި ބަޔާންކުރަނީއެވެ.
ކީރިތި ޤުރްއާން
ކީރިތި ޤުރްއާނަކީ، مُحَمَّدٌ ގެ މައްޗަށް، اللهُ ބާވައިލެއްވި، އެ إِلٰهُގެ ކަލާމުފުޅެވެ. އަދި ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ވެސް، އެ ފޮތުގެ ބައެއް އާޔަތްތައް ކިޔަވައިގެން މެނުވީ، ނަމާދު ޞައްޙަނުވާ ފޮތެވެ. އަދި ނަމާދުން ބޭރުގައި ވެސް، އެ ފޮތް ކިޔެވުމުން ނުހަނު ބޮޑު ދަރުމައާއި ޘަވާބު ލިބެނިވި ފޮތެވެ. އަދި އެ ފޮތާ އެއްފަދަ ފޮތެއް އެ ފޮތުގެ ކުރީން ވިއަސް އަދި ފަހުން ވިއަސް ބާވައި ނުލެއްވެއެވެ. ޝައްކެއްނެތެވެ. އެ ފޮތަކީ، އެންމެ ފަހުގެ ސަމާވީ ފޮތެވެ. އަދި އެ ފޮތަކީ، ޢަރަބި ބަހަށް އެންމެ ކުޅަދާނަ، އެންމެ ފަޞާޙާތްތެރި، އެންމެ ބަލާޣާތްތެރި މީހުން ކަމުގައިވި، ޤުރައިޝު ވަންހައިގެ މީހުން ވެސް، އެ ފޮތުގައިވާ ފަދަ އެންމެ އާޔަތެއްގެ މިންވަރު ވިއަސް ގެނެސްގަތުމަށް ނުކުޅެދުނު ފޮތެވެ. އަދި ކިއެއްތަ! އެ ޤުރްއާނަކީ، އެ ފޮތުގައިވާ ފަދަ އެންމެ ސޫރަތެއް ނުވަތަ އާޔަތެއް ވިއަސް ގެނައުމަށް އެންމެހައި އިންސީންނާއި ޖިންނީން އެއްތަނަކަށް އެއްވެ މަސައްކަތްކުރި ކަމުގައި ވިއަސް ނުގެނެވޭނޭ ފޮތެވެ. އެ ކަމުން އެނގެނީ، އެ ޤުރްއާނަކީ، مُحَمَّدٌ އަމިއްލަފުޅަށް ހައްދަވައިފައިވާ ފޮތެއް ނޫން ކަމެވެ.
އަދި އެއްވެސް އިންސާނެއް އަދި ޖިންނިއެއްގެ ގާތުން ވިއަސް، އެ ރަސޫލާ އުނގެނިވަޑައިގެންފައިވާ ފޮތެއް ނޫން ކަމެވެ. ވުމާއެކު، ޝައްކެއްނެތްގޮތުގައި އެ ފޮތުގައިވާ ވަޙީބަސްފުޅުތަކައިގެން، مُحَمَّدٌ ގެ އަރިހަށް ވަޑައިގެންނެވީ، ވަޙީގެ އަމާނާތްތެރިޔާއެވެ. އެއީ، جِبْرِيلُ އެވެ.
އަދި ހަމަކަށަވަރުން، مُحَمَّدٌ ގެ ދޫފުޅުމަތީން، ކީރިތި ޤުރްއާނުގައިވާ އިލާހީ ބަސްފުޅުތައް މީސްތަކުންނާ ހަމައަށް އައިސްފައިވަނީ މުތަވާތިރު ގޮތުގައެވެ. މުތަވާތިރު ގޮތުގައި އައުމަކީ، ޢާންމު ގޮތެއްގައި ދޮގެއް ހެދުމުގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާ ފަދަ ގިނަ ޢަދަދެއްގެ ރާވީންގެ ފަރާތުން އެއްވެސް ތަފާތެއް ނެތި އެއްގޮތަކަށް ރިވާވެގެން އައުމެވެ. އެ ގޮތަށް އައިސްފައިވާ، ކީރިތި މޫރިތި އާޔަތްތައް އެއް ފޮތެއްގައި ޖަމާކުރެވުނެވެ. އެ ފޮތް ފެށެނީ سُورَةُ الْفَاتِحَةއިންނެވެ. ނިމެނީ سُورَةُ النَّاسِގެ ނިއަލަށެވެ. ވީމާ، ކީރިތި ޤުރްއާނަކީ، اللهُ ގެ ޙަޟްރަތުން ބާވައިލެއްވިގެންވާ އިތުރުކަމާއި މާތްކަން ބޮޑު ފޮތެއްކަމާ މެދަކު ކުޑަވެސް ޝައްކެއްނެތެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ދަރުމަ
مُحَمَّدٌ ޙަދީޘުކުރެއްވިއެވެ. « مَنْ قَـرَأَ حَرْفًا مِنْ كِتَابِ الله فَـلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا » މާނައީ: “ اللهُ ގެ ފޮތުން އެންމެ އަކުރެއް ކިޔެވި މީހާ ދަންނާށެވެ! ފަހެ، އޭނާ ކިޔެވި ކޮންމެ އަކުރަކަށް އޭނާއަށް ހެޔޮ ކަމެއް ވެއެވެ. އަދި އެ ހެޔޮ ކަން އޭގެ ދިހަ ގުނަ ފަދައެވެ.] ابن رَجَب h ވިދާޅުވެފައި ވެއެވެ. “ ކޮންމެ ހެޔޮ ޢަމަލެއް ދިހަ ގުނައަށް އިތުރުވެގެންދާ ދިއުމަކީ، ހަމަ ކޮންމެ ޢަމަލަކަށް ވެސް އިތުރުވެގެން ދާނޭ އިތުރުވުމެކެވެ. އެއީ، ވަކި ޢަމަލަކަށް ޚާއްޞަކަމެއް ނޫނެވެ.] އަދި، اللهُ ގެ އަންނަނިވި ބަސްފުޅުން އެ ކަމަށް ދަލީލު ލިބެއެވެ.
( مَنْ جَاءَ بِالْحَسَنَةِ فَـلَهُ عَشْرُ أَمْثَالِهَا) މާނައީ: “ ފަހެ، ހެޔޮ ކަމަކައިގެން، اللهُ ގެ ޙަޟްރަތަށް ހިނގައްޖެ މީހަކަށް، އޭނާ އެ ކުރި ހެޔޮކަމުގެ ބަދަލު، ދިހަ ގުނައަށް، އެ إِلٰهُ އިތުރުކޮށްދެއްވާހުއްޓެވެ.] އަދި ހެޔޮ ޢަމަލެއްގެ ދަރުމަ ދިހަ ގުނައަށްވުރެން އިތުރަށް ވެސް ދެއްވަވައިފާނެތެވެ. އެއީ، اللهُ އެ އަޅަކަށް އިތުރުކޮށްދެއްވުމަށް އިރާދަކުރެއްވި އަޅަކަށެވެ. اهـ އަދި ހެޔޮ ކަމެއްގެ ޘަވާބު ހަތް ސަތޭކަ ގުނައަށް ނުވަތަ އެއަށްވުރެން ވެސް ބޮޑަށް އިތުރުވެގެން ހިނގައިދާނެތެވެ.
ޝައްކެއްނެތެވެ. ހެޔޮ ކަންކަމަށް ދެއްވާ ދަރުމަ އެ ގޮތަށް އިތުރުވެގެން ދަނީ، اللهُ ގެ ފަޟްލުވަންތަވެރިކަމުންނެވެ. ދެން އެއަށްފަހު، އަޅާގެ ހިތުގެ ޚުޝޫޢަތްތެރިކަމާއި، އެ ކިޔަވާ އެއްޗެއް ތަދައްބުރުކޮށް ވިސްނައި އަދި އެ ކިޔަވާ އެއްޗެއް ފަހްމުވޭތޯ މަސައްކަތްކުރުން ފަދަ ކަންކަމުންނެވެ. އަދި އެ ކިޔެވުމުގައި އިޚްލާޞްތެރިކަންހުރި މިންވަރަކުންނެވެ. އަދި ސުންނަތާ އެއްގޮތަށް އެ ޢަމަލެއް ބެހެއްޓުނު މިންވަރެއްގެ ނިސްބަތުން ވެސް މެއެވެ.
ޤުރްއާން ކިޔެވުމަށާއި ކިޔަވައިދިނުމަށް ޓަކައި ޖަމާވާ މީހުންނަށް ހުރި ދަރުމަ
رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. «مَا اجْتَمَعَ قَـوْمٌ فِي بَـيْتٍ مِنْ بُـيُوتِ الله تَعَالَى يَـتْلُونَ كِتَابَ اللهِ وَيَـتَدَارَسُونَهُ بَيْنَهُمْ إِلَّا نَـزَلَتْ عَلَيْهِمْ السَّكِينَةُ وَغَشِيَـتْـهُمْ الرَّحْمَةُ وَحَفَّتْـهُمْ الْمَلَائِكَةُ وَذَكَرَهُمْ اللهُ فِيمَنْ عِنْدَهُ» މާނައީ: “ اللهُ ގެ ފޮތް ކިޔަވައި، އެ ފޮތުގައިވާ ވާހަކަތައް އުނގެނި ދަސްކޮށް، އަނެކުންނަށް އުނގަންނައިދިނުމަށް ޓަކައި، اللهُ ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި ބަޔަކު ޖަމާވެއްޖެ ނަމަ، ފަހެ، اللهُ ގެ ޙަޟްރަތުން، އުފައުވެރިކަމާއި ހިތްހަމަޖެހުން، އެ ބަޔެއްގެ މައްޗަށް ބާވައިލައްވައެވެ.
އަދި ހުރިހައި ފަރާތަކުންމެ، އެ إِلٰهُގެ ރަޙްމަތް އައިސް އެބައިމީހުން ނިވައިކުރެތެވެ. އަދި މަލާއިކަތުން ވަޑައިގަންނަވައި، އެބައިމީހުން ވަށައިލައްވައިގެން ތިއްބަވަތެވެ. އަދި، اللهُ ގެ ޙަޟްރަތުގައި ތިއްބަވާ ކުޑަތާ މަލާއިކަތުންގެ އަރިހުގައި، އެބައިމީހުންގެ ވާހަކަ، އެ إِلٰهُ ބަޔާންކުރައްވަތެވެ.]
ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދަރުމަ
رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. « خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ » މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ކީރިތި ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހާއެވެ.] އަދި ވެސް ޙަދީޘުކުރެއްވިއެވެ. « مَنْ عَلَّمَ آيَةً مِنْ كِتَابِ اللهِ عَزَّ وَجَلَّ، كَانَ لَهُ ثَـوَابُهَا مَا تُلِيَتْ » މާނައީ: “ اللهُ ގެ ފޮތުން އާޔަތެއްގެ މިންވަރު ވެސް އުނގަންނައިދީފި މީހަކަށް، އެ އާޔަތް ކިޔެވޭހައި ހިނދަކު އެ ކަމުގެ ޘަވާބުލިބިލިބިހުންނަހުއްޓެވެ.]
ކީރިތި ޤުރްއާން އުނގެނުމާއި، ހިތުދަސްކުރުމާއި، ރަނގަޅަށް ކިޔެވުމުގެ މާތްކަން
رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. « مَثَلُ الَّذِي يَـقْرَأُ الْقُرْآنَ وَهُوَ حَافِظٌ لَهُ مَعَ السَّـفَرَةِ الْكِرَامِ الْبَـرَرَةِ وَمَثَلُ الَّذِي يَـقْرَأُ القُرْآنَ وَهُوَ يَتَعَاهَدُهُ وَهُوَ عَلَيْهِ شَدِيدٌ فَلـَهُ أَجْرَانِ » މާނައީ: “ ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ފަހު، ރިވެތިކޮށް ތަރްތީލުކޮށް ކިޔަވާ މީހާ ވާނީ، މާތްކަމާއި، އިތުރުކަމާއި، ޠާހިރުކަން ބޮޑު ލިއުއްވާ މަލާއިކަތުންގެ އަރިހުގައެވެ. އަދި ނުފަރިތަ މީހާ ކޮށަކޮށައިގެން ކިޔެވޭ ޙާލުގައި ވެސް، ފަރުވާތެރިކަމާއެކު ޤުރްއާން ކިޔަވާ ނަމަ އެ މީހާއަށް ދެ ދަރުމަހުއްޓެވެ.] އަދިވެސް ޙަދީޘުކުރެއްވިއެވެ. « يُـقَالُ لِصَاحِبِ الْقُرْآنِ اقْـرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُـرَتِّلُ فِي الدُّنْـيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَـقْرَؤُهَا» މާނައީ: “ ޤުރްއާނުގެ އަހްލުވެރިޔާއަށް، ޤިޔާމަތް ދުވަހުން ނިދާއިއްވެވޭނެތެވެ. ޤުރްއާން ތަރްތީލުކޮށް ރިވެތިކޮށް، ދުނިޔެމަތީގައި ތިބާ ކިޔެވި ފަދައިން، މިއަދު ވެސް ޤުރްއާން ކިޔަވަމުން، ދަރަޖައަކަށް ފަހު ދަރަޖައެއް މައްޗަށް އަރަމުން ތިބާ ދާށެވެ! ފަހެ ހަމަކަށަވަރުން، ސުވަރުގޭގައި ތިބާގެ މަންޒިލަކީ، އެންމެ ފަހުން ތިބާ ކިޔަވާ އާޔަތް ކިޔަވައި ނިމޭއިރު ތިބާއަށް ދެވޭ ހިސާބެކެވެ.]
اَلْخَطَّابِي h ވިދާޅުވިއެވެ. “ އަޞްޙާބުންގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގައި ވެއެވެ. ޤުރްއާނުގެ އަކުރުތަކުގެ ޢަދަދު ހުރީ ސުވަރުގޭގެ ދަރަޖަތަކުގެ ޢަދަދަށެވެ. ފަހެ، ޤުރްއާން ކިޔަވާ މީހާއަށް، ޤިޔާމަތް ދުވަހުން ނިދާއިއްވެވޭނެތެވެ. ސުވަރުގޭގެ ދަރަޖަތަކުން ތިބާ މައްޗަށް އަރާށެވެ! އެއީ، ޤުރްއާނުގެ އާޔަތްތައް ތިބާއަށް ކިޔެވޭ މިންވަރަކަށެވެ. ފަހެ، މުޅި ޤުރްއާން އެކަށް ކިޔަވައި ނިންމައިފި މީހާ ދަންނާށެވެ! ފަހެ، ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އޭނާ ވާޞިލުވެއްޖެއެވެ. އަދި ޤުރްއާނުން ބައެއް ކިޔަވައިފި މީހާ ދަންނާށެވެ! ފަހެ، އޭނާއަށް އެ ކިޔެވުނު މިންވަރަކަށް، އޭނާ ސުވަރުގެއިން ދަރަޖަ ހޯދައިފިއެވެ. ދެން، އޭނާއަށް ލިބޭ ޘަވާބު ވެސް ނިމޭނީ، އެންމެ ފަހުން އޭނާއަށް ކިޔެވޭ އާޔަތެއް ކިޔަވައި ނިމޭ ހިސާބުންނެވެ.]
ދަރިއަކު ޤުރްއާން އުނގެނުމުން، މައިންބަފައިންނަށް ހުރި ދަރުމަ
رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. « مَنْ قَـرَأ القُرْآنَ وَتَـعَلَّمَهُ وَعَمِلَ بِهِ أُلْبِسَ وَالِدَاهُ يَـوْمَ الْقِيَامَةِ تَاجًا مِنْ نُـوْرٍ ضَوْؤُهُ مِثْلُ ضَوْءِ الشَّمْسِ وَيُكْسَى وَالِدَاهُ حُلَّتَيْنِ لاَ يَـقُوْمُ لَهُمَا الدُّنْـيَا ، فَـيَـقُوْلاَنِ: بِمَ كُسِيْـنَا هَذِهِ؟ فَـيُـقَالُ بِأَخْذِ وَلَدِكُمَا الْقُرْآنَ» މާނައީ: “ ޤުރްއާން އުނގެނި ކިޔަވައި އަދި އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރި މީހާގެ މައިންބަފައިންގެ ބޮލުގައި، އިރުގެ އަލިކަން ފަދަ އަލި ގަދަ، ނޫރުންވާ ތާޖެއް، ޤިޔާމަތް ޤާއިމުވާ ދުވަހުން އެޅުއްވޭނެތެވެ.
އަދި މުޅި ދުނިޔެ ވެސް، އެ ދެ ހެދުމުގެ އަގާ އަދި މޮޅުކަމާ އެއްވަރުނުވާ ފަދަ މޮޅު އަދި އަގު މާތް ދެ ހެދުން އޭނާގެ މައިންބަފައިންގެ ގައިގާ ލެއްވޭނެތެވެ. އެ ހިނދު، އެ ދެ މީހުން ދަންނަވާނެތެވެ. އަޅަމެންގެ ގައިގާ މި ފަދަ އަގު މާތް ހެދުން ލެއްވުނީ ކީއްވެގެންތޯއެވެ؟ ދެން، އެ ދެ މީހުންނަށް އެންގެވޭނެތެވެ. އެއީ، ތިޔަ ދެ މީހުންގެ ދަރިފުޅު، ޤުރްއާން އުނގެނި އެ ޤުރްއާނުގައިވާ ގޮތަށް ޢަމަލުކުރުމުގެ ސަބަބުންނެވެ.]
އާޚިރަތް ދުވަހުން، ޤުރްއާނުގެ އަހްލުވެރިޔާއަށް ޤުރްއާން ޝަފާޢަތްތެރިވުން
رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. « اِقْـرَءُوْا الْقُرْآنَ فَإنَّهُ يَأْتِي يَـوْمَ الْقِيَامَةِ شَفِيْـعًا لِأَصْحَابِهِ » މާނައީ: “ ތިޔަބައިމީހުން ޤުރްއާންކިޔަވާށެވެ! އެހެނީ ހަމަކަށަވަރުން، ޤުރްއާނުގެ އަހްލުވެރީންނަށް ޝަފާޢަތްތެރިވުމަށް ޓަކައި، ޤިޔާމަތް ދުވަހުން އެ ޤުރްއާން އަންނަހުއްޓެވެ.] އަދި އެހެން ޙަދީޘެއްގައި ވެސް ވެއެވެ. « الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَـوْمَ الْقِيَامَةِ...» މާނައީ: “ ރޯދައާއި ޤުރްއާން، ޤިޔާމަތް ދުވަހުން އަޅާއަށް ޝަފާޢަތްތެރިވާނެތެވެ.]
ކީރިތި ޤުރްއާން ކިޔެވުމުގެ އަދަބުތައް
ކީރިތި ޤުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ބައެއް އަދަބުތައް، رَسُولُ اللهِ ބަޔާންކުރައްވައިފައި ވަނީ އަންނަނިވި ފަދައިންނެވެ. އެ އަދަބުތަކަކީ:
1- ބޮޑު ޙަދަޘާއި ކުޑަ ޙަދަޘުން ޠާހިރުވެގެންވާ ޙާލުގައި މެނުވީ، ކީރިތި ޤުރްއާން ނުކިޔެވުމާއި އެ ފޮތުގައި ނުބީހުން.
2- ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީން ދަތް އުނގުޅުން.
3- ރިވެތި ފޭރާން ލައިގެން އިނދެ ކިޔެވުން.
4- ޤިބްލައަށް ކުރިމަތި ލައިގެން އިނދެ ކިޔެވުން.
5- އާފުރޭގޮތް ވާނަމަ ކިޔެވުން ހުއްޓައިލުން.
6- ކޮންމެހެން ދައްކާންޖެހޭ ވާހަކައެއް ދެއްކުމަށް މެނުވީ، ކިޔެވުން މެދުކަނޑައިލައި ވާހަކަ ނުދެއްކުން.
7- ކިޔެވޭ އާޔަތްތަކަށް ރަނގަޅަށް ވިސްނައިގެން އިނދެ ކިޔެވުން.
8- ވަޢުދުގެ އާޔަތެއް ކިޔެވޭ ނަމަ، އެ އާޔަތެއް ނިމުމުން ކިޔެވުން ހުއްޓައިލައި، އެ ވަޢުދުކުރެއްވި ކަމަކަށް އެދި ދެންނެވުން.
9- ވަޢީދުގެ އާޔަތެއް ކިޔެވޭ ނަމަ، އެ އާޔަތެއް ނިމުމުން ކިޔެވުން ހުއްޓައިލައި، އެ ވަޢީދު އައި ކަމަކުން ރައްކައުތެރިކޮށްދެއްވުމަށް އެދި ދުޢާކުރުން.
10- ނުކިޔަވާ ނަމަ ޚަތިމު ހުޅުވައިފައި ނުބޭއްވުން.
11- ޚަތިމުގެ މަތީގައި އެހެން އެއްވެސް އެއްޗެއް ނުބޭއްވުން.
12- އެއް ތަނެއްގައި ގިނަ ބަޔަކު ތިބެގެން ޤުރްއާން ކިޔަވާއިރު، އެކަކަށްވުރެން އަނެކަކު ބާރަށް ނުކިޔެވުން.
13- ބާޒާރުތަކުގައްޔާއި ވިޔާނުދާ ބޭކާރު ވާހަކަދެކެވޭ ތަންތަނުގައި ޤުރްއާން ނުކިޔެވުން.
ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީން އަޢޫޛުކިޔުން
ދަންނާށެވެ! ކީރިތި ޤުރްއާނަކީ، އެންމެހައި މީސްތަކުންނަށް ތެދުމަގުދައްކައި ދެނިވި ފޮތެވެ. އަދި ހިތްތަކުގައި އުފެދޭ ޝައްކުތަކާއި ޝުބްހަތަކުން ސަލާމަތްވެވޭނޭ ގޮތުގެ ޖަވާބު ލިބެނިވި ފޮތެވެ. އަދި ހަށިތަކުގައި އުފެދޭ ރޫޙާނީ ބަލިތަކާއި ޖިސްމާނީ ބަލިތަކަށް ޝިފާ ލިބެނިވި ފޮތް ވެސް މެއެވެ.
އަދި ޝައިޠާނާއަކީ، ހުރިހައި ނުބައި ކަމަކާއި ފުރެދުންތެރިކަމެއްގެ އެންމެ ބޮޑު ސަބަބު ކަމުގައި ވުމާ އެކު، މީހަކު ޤުރްއާން ކިޔަވަނީ ނަމަ، އެ ކަމަށް ހުރަސްއަޅައި، އެ ފޮތުގައިވާ ވާހަކަތަކާ މެދު ވިސްނައި ފިކުރުކުރިއަނުދިނުމަށް ޓަކައި ތަފާތު ވަސްވާސްތައް ވައްދައި، އެ ފޮތާ ދުރަށް އެ މީހާ ގެންދިއުމަށް މަސައްކަތްކުރުމަކީ ޝައިޠާނާގެ އެންމެ އިސް އެއް މަސައްކަތެވެ.
ކަން މިހެން ހުރުމާއެކު، ކޮންމެ މުސްލިމަކު ވެސް، ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީގައި، اللهُ ގެ ރަޙްމަތުން ބޭރުކުރެއްވި، ހުރިހައި ހެޔޮކަމަކުން ދުރުކުރެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުމަށް އެދި، اللهُ ގެ ޙަޟްރަތުގައި ދަންނަވައި، އެ إِلٰهُގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަތުމަށް ޓަކައި އަޢޫޛުކިއުން ސުންނަތްވެގެންވެއެވެ. އެ ކަން އަންގަވައި، اللهُ ވަޙީކުރެއްވިއެވެ. ( فَإِذَا قَـرَأْتَ الْقُرْآنَ فَاسْتَعِذْ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ ) މާނައީ: “ތިބާ ޤުރްއާން ކިޔަވަނީ ނަމަ، އަޢޫޛުކިއައި ޝައިޠާނާގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުން އެދި، اللهُ ގެ ޙަޟްރަތުގައި ދަންނަވައި، އެ إِلٰهُގެ ޙަޟްރަތުން ރައްކައުތެރިކަންލިބިގަންނާށެވެ! ]
އަޢޫޛުކިޔާނޭ ގޮތް
އަޢޫޛުކިޔާނީ މި ބަޔާންކުރާ ފަދައިންނެވެ. « أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ » މާނައީ: “ اللهُ ގެ ރަޙްމަތުން ބޭރުކުރެއްވި ދުރުކުރެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި، اللهُ ގެ ޙަޟްރަތުގައި ދަންނަވައި، اللهُ ގެ ޙަޟްރަތުން މި އަޅާ ރައްކައުތެރިކަމާއި ޙިމާޔަތް ލިބިގަންނަމެވެ. އެއީ، މި އަޅާގެ رَبُّ، اللهُ އަށް ކިޔަމަންތެރިކަން އަދާކުރިއަ ނުދިނުމަށް ޓަކައި ވަސްވާސްދީ، ޤުރްއާން ކިޔެވުމަށާއި ހެޔޮ ޢަމަލުކުރުމަށް މި އަޅާއަށް ހުރަސް އަޅާ ޝައިޠާނާއެވެ. ]
ދަންނާށެވެ! ކީރިތި ޤުރްއާން ކިޔަވާން ފަށައިގަންނައިރު އަޢޫޛުކިޔުމަކީ ސުންނަތެކެވެ. ނަމަވެސް، އަޢޫޛަކީ ކީރިތި ޤުރްއާނުގެ އާޔަތެއް ނޫނެވެ. އަދި ހަމަ އެހެންމެ، ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި، اللهُ ގެ ޙަޟްރަތުގައި ދަންނަވާއިރު، ޖިންނީންނާއި އިންސީންގެ ތެރޭގައިވާ އެންމެހައި ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ނިޔަތް ގަންނަންވާނެއެވެ!
ކީރިތި ޤުރްއާން ކިޔަވާން ފެށުމު ކުރީގައި ބިސްމިކިއުން
ކޮންމެ ހެޔޮކަމެއް ކުރުމަށް ފަށައިގަންނައިރު ބިސްމިކިއުމަށް އިރްޝާދުދެއްވައި رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. «كُلُّ أَمْرٍ ذِي بَالٍ لَا يُـبْدَأُ فِيهِ بِـبـِسْمِ اللهِ الرَّحْمٰنِ الرَّحِيمِ ؛ فَـهُوَ أَبْتَـرُ» މާނައީ: “ އެ ކަމެއްގެ ނަތީޖާ ރަނގަޅުވުމަށް އެދޭ ކޮންމެ ހެޔޮކަމެއް، ބިސްމީގެ ބަރަކާތުން ނުފެށޭ ނަމަ، އެ ކަމުގައި އެއްވެސް ބަރަކާތެއް ނުވެއެވެ.]
އަދި ހަމަ އެހެންމެ، ކޮންމެ ހެޔޮކަމެއް ކުރުމަށް ފަށައިގަންނަ ކޮންމެ ފަހަރަކު، اللهُ ގެ ނަންފުޅުން އެ ކަމެއް ފަށައިގަތުމަށް ޓަކައި، އަޢޫޛުކިޔައި ބިސްމިކިޔުމަކީ اللهُ ގެ ޙަޟްރަތުން އައިސްފައިވާ އިލާހީ އިރްޝާދުފުޅެއް މެއެވެ. عَنْ اِبْنِ عَبَّاسٍ h قَالَ: « أَوَّلُ مَا نَـزَلَ جِبْرِيلُ عَلَى مُحَمَّدٍ قَالَ: « يَا مُحَمَّدُ اِسْتَعِذْ، قُلْ: أَسْتَعِيذُ بِالسَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ »، ثُـمَّ قَالَ: قُلْ: ( بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ ) މާނައީ: اللهُ رَسُولُ اللهِ ގެ އަރިހަށް، جِبْرِيلُ އެންމެ ފުރަތަމަ ފައިބައިވަޑައިގެންނެވި ފަހަރު ވިދާޅުވިއެވެ. އޭ ރަސޫލާއެވެ! ރައްކައުތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ވިދާޅުވާށެވެ! “ އެންމެހައި ހެޔޮކަމަކުން ދުރުކުރެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްވުމަށް ޓަކައި، ހުރިހައި އަޑުތަކެއް މޮޅަށް އައްސަވައިވޮޑިގެންވާ އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ إِلٰهُގެ ޙަޟްރަތުން މި އަޅާ ރައްކައުތެރިކަން ލިބިގަންނަމެވެ.] އެއަށްފަހު، جِبْرِيلُ ވިދާޅުވިއެވެ. ވިދާޅުވާށެވެ! “ ރަޙުމާނުވަންތަ އަދި ރަޙީމުވަންތަ اللهُގެ އިސްމުފުޅުގެ ބަރަކާތުން އަޅު ފަށަމެވެ.]
ޝައްކެއްނެތެވެ. ކީރިތި ޤުރްއާން ކިޔެވުމަކީ، ނުހަނު ބޮޑު ހެޔޮކަމެކެވެ. އަދި ނުހަނު އިތުރުކަން ބޮޑު އަޅުކަމެއް ވެސް މެއެވެ. ވީމާ، ކީރިތި ޤުރްއާން ކިޔެވުމަށް ފަށައިގަންނަ ކޮންމެ ފަހަރަކުމެ، ބިސްމީގެ ބަރަކާތުން ފެށުމަކީ، އެ މީހެއްގެ އެ ކިޔެވުމުގައި، اللهُ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކުން ދުރުވެ ރައްކައުތެރިވެވި، ތިމާއާއި ޝައިޠާނާގެ ވަސްވާސްތަކާ ދެމެދު ހުރަސްއެޅޭނޭ ކަމެއް ވެސް މެއެވެ.
ބިސްމިކިޔާނޭ ގޮތް
ބިސްމިކިޔާނީ މިފަދައިންނެވެ. ( بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ) މާނައީ: “ اللهُ ގެ އިސްމުފުޅުގެ ބަރަކާތުން ފަށަމެވެ. އެއީ، اللهُ ގެ ޙަޟްރަތުން ވާގިއެދިހުރެ، މި އަޅާ ކުރުމަށް މި ގަސްތުކުރާ ހެޔޮ ޢަމަލު ނިމުމަކަށް ދާނދެން އެ ކަމުގައި ދެމިހުރުމުގެ ތައުފީޤުދެއްވައި، މި ޢަމަލު ޤަބޫލުކުރެއްވުން އެދޭ ޙާލުގައެވެ. اللهُ އީ، އެ إِلٰهއަށް ކިޔަމަންގަންނަ އަޅުންނަށާއި، ކިޔަމަންނުގަންނަ އަޅުންނަށާއި، އެންމެހައި ޚަލްޤުތަކުންނަށް ދުނިޔޭގައި ކުދިބޮޑު ނިޢުމަތްތައް ދެއްވާ ރަޙުމާނުވަންތަ إِلٰهއެވެ. އަދި ދުނިޔޭގައި އުޅުނުއިރު، އެ إِلٰهއަށް ކިޔަމަންގަތް އަޅުންނަށް، އާޚިރަތުގައި ނުހަނު އޯގާވަންތަ ރަޙީމުވަންތަ إِلٰهއެވެ.]
ކީރިތި ޤުރްއާން ކިޔަވާނޭ ގޮތް
1- ކީރިތި ޤުރްއާން ކިޔަވާއިރު ކިޔަވާނީ ވެސް، އަދި ނަމާދުގެ ތެރޭގައި ކިޔާ ޛިކްރުތަކާއި، އެ ނޫން ޛިކްރުތައް ކިޔާއިރު ވެސް ކިޔާނީ، އެންމެ ކުޑަ މިނުން، ތިމާގެ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށެވެ. އެހެނީ، ތިމާގެ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ކިޔެވުމުން މެނުވީ، ޤުރްއާން ކިޔެވި ކަމުގައެއް ނުވާނެއެވެ. އަދި ދުޢާތަކާއި ޛިކްރުތައް ވެސް ކިޔުނު ކަމުގައެއް ނުވާނެއެވެ. ނަމަވެސް، އެ ގޮތަށް ކިޔަވާއިރު އެހެން މީހުންނަށް އުނދަގޫވާ ވަރަށް ބާރަށް ކިޔަވައިގެން ނުވާނެއެވެ.
2- ޤުރްއާން ކިޔަވާއިރު މަޑުމައިތިރިކަމާއެކު ލަސްލަހުން ކިޔެވުން އެދެވިގެން ވެއެވެ. رَسُولُ اللهِ ޤުރްއާން ކިޔަވައިވިދާޅުވި ގޮތާ މެދު أَنَسُ بْنِ مَالِكٍ hއާ ސުވާލުވެވުމުން أَنَسُ h ވިދާޅުވިއެވެ. «كَانَ يَـمُدُّ مَدًّا ، إِذَا قَـرَأَ ( بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ)، يَـمُدُّ بِبِسْمِ اللهِ، وَيَـمُدُّ بِالرَّحْمٰنِ ، وَيَـمُدُّ بِالرَّحِيمِ. » މާނައީ: “رَسُولُ اللهِ ޤުރްއާން ކިޔަވައިވިދާޅުވާއިރު، ދަންމަވައިލައްވަންވާ ތަންތަނަށް ދަންމަވައިލައްވާ ކަމުގައި ވިއެވެ. ވުމާއެކު، ބިސްމި ކިޔަވައިވިދާޅުވާ ނަމަ، بِسْمِ اللهِއަށް ދަންމަވައިލައްވައެވެ. އަދި الرَّحْمنއަށް ދަންމަވައިލައްވައެވެ. އަދި الرَّحِيْمއަށް ދަންމަވައިލައްވައެވެ.]
ޤުރްއާން ކިޔެވުމުން ލިބޭ ދަރުމަ އިތުރުވުން
ޤުރްއާން ކިޔަވާ މީހާގެ އިޚްލާޞްތެރިކަން ހުރި މިންވަރަކަށް، اللهُ އޭނާއަށް ދަރުމަ ދެއްވާ ހުއްޓެވެ. ހަމަ އެއާއެކު، ހިތް ޙާޟިރުކޮށް އަދި ކިޔެވޭ އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރުމާއެކު ކިޔަވާ ނަމަ، ކިޔެވުމުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވާނެއެވެ. އޭރުން، އަކުރަކަށް ލިބޭ، ދިހަ ހެޔޮކަން ހަތް ސަތޭކަ ގުނައަށް ވެސް އިތުރުވެދާނެއެވެ.
ޤުރްއާން ކިޔަވާނޭ މިންވަރު
رَسُولُ اللهِ ގެ އަޞްޙާބުންކުރެ ކޮންމެ ޞަޙާބީއަކު ވެސް، އެ ޞަޙާބީއެއްގެ އަމިއްލަ ނަފްސުފުޅަށް ޓަކައި، ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް، ކޮންމެ ދުވަހަކު ވެސް ކިޔަވައި ވިދާޅުވާ ކަމުގައި ވިއެވެ. އަދި އެއިން އެއްވެސް ސަޙާބީއަކު، ހަތް ދުވަހަށްވުރެން އަވަހަށް ޚަތިމުކުރެއްވުން އާދަކުރައްވައިފައެއް ނުވެއެވެ. އަދި ތިން ދުވަހަށްވުރެން އަވަހަށް ޚަތިމުކުރުމަކީ، رَسُولُ اللهِ ނަހީކުރައްވައިފައިވާ ކަމެއް ކަމުގައި ވާރިދުވެފައި ވެއެވެ.
ޚަތިމު ނުބަލައި ހިތުން ކިޔެވުން
ކީރިތި ޤުރްއާން ކިޔަވާއިރު، ޚަތިމު ބަލައިގެން ކިޔަވާ ވަރަށްވުރެން ބޮޑަށް، ޚަތިމު ނުބަލައި ހިތުން ކިޔަވާއިރު، އެ ކިޔެވޭ އެއްޗަކާ މެދު ވިސްނައި ފިކުރުކޮށް ހިތްޙާޟިރުކުރެވޭ ނަމަ، އެންމެ މޮޅު އިތުރު ގޮތަކީ، ޚަތިމު ނުބަލައި ހިތުން ކިޔެވުމެވެ. އެހެން ނަމަވެސް، ޚަތިމު ނުބަލައި ހިތުން ކިޔެވުމާއި، ޚަތިމު ބަލައިގެން ކިޔެވުމާއި، މި ދެ ގޮތް އެއްފަދަ ނަމަ، މޮޅު އިތުރުވެގެން ވަނީ ޚަތިމު ބަލައިގެން ކިއެވުމެވެ.
ހެޔޮ ވަޞިއްޔަތެއް
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ!
ކީރިތި ޤުރްއާން ކިޔަވައިވިދާޅުވުމުގައި، ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތެއް ހޭދަކުރެއްވޭތޯ ގަދައަޅުއްވައި މަސައްކަތްކުރައްވާށެވެ! އަދި ކޮންމެ ދުވަހަކު ވެސް، އެ ދުވަހަކު ކިޔަވައިވިދާޅުވާނޭ ވަކި މިންވަރެއް ކަނޑައަޅުއްވާށެވެ! އަދި ކޮންމެފަދަ ކަމެއް މެދުވެރި ވިއަސް އެ މިންވަރު ކިޔަވައިވިދާޅުނުވެ ދޫކޮށްނުލައްވާވޭތޯ ގަދައަޅުއްވައި މަސަކަތްކުރައްވާށެވެ!
އެހެނީ، ކިތަންމެ ގިނަ ޢަމަލުތަކެއް ކުރެވުނު ކަމުގައި ވިއަސް، މެދު ކެނޑެމުން ދޭތެރެދޭތެރެއިން ކުރެވޭ ޢަމަލުތަކަކަށްވުރެން ހެޔޮ ކަން ބޮޑުވެފައި އިތުރުވެގެން ވަނީ، ކިތަންމެ މަދު ޢަމަލެއް ކުރެވުނު ކަމުގައި ވިއަސް، ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުތަކެވެ. ވުމާއެކު، ކޮންމެ ދުވަހަކު ވެސް ކިޔަވައިވިދާޅުވާނޭ ވަކި މިންވަރެއް ކަނޑައަޅުއްވައިގެން ތިބާ ކިޔަވައިވިދާޅުވަމުން ގެންދަވަނިކޮށް، ހަނދުމަފުޅު ނެތިގެން ނުވަތަ އަވަހާރަފުޅުލެއްޕެވުމުގެ ސަބަބުން ނުވަތަ އެ ނޫން ސަބަބެއް ދިމާވެގެން ނަމަވެސް، އެ ދުވަހަށް ޓަކައި ކަނޑައަޅުއްވައިފައިވާ މިންވަރު ކިޔަވައިވިދާޅުވެ ފުރިހަމަ ނުކުރެއްވޭ ގޮތް މެދުވެރިވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހު އެ ބައި ފުރިހަމަކުރެއްވޭތޯ ގަދައަޅުއްވައި މަސައްކަތްކުރައްވާށެވެ!
رَسُولُ اللهِ ޙަދީޘުކުރެއްވިއެވެ. «مَنْ نَامَ عَنْ حِزْبِهِ أَوْ عَنْ شَىْءٍ مِنْهُ فَـقَرَأَهُ فِيمَا بَـيْنَ صَلاَةِ الْفَجْرِ وَصَلاَةِ الظُّـهْرِ كُتِبَ لَهُ كَأَنَّـمَا قَـرَأَهُ مِنَ اللَّيْلِ» މާނައީ: “މީހަކު، ކޮންމެ ރެއަކު ޢާދަކޮށް، ޤުރްއާނުން ކިޔަވަމުންދާ މިންވަރު ނުވަތަ އެއިން ބައެއް ނުކިޔެވިހުއްޓައި ނިދިއްޖެ ނަމަ، އެ ނުކިޔެވި އޮތް މިންވަރު ފަތިސްނަމާދާއި މެންދުރު ނަމާދާ ދެމެދު ކިޔަވައިފި ނަމަ، ފާއިތުވި ރޭ އޭނާ އެ މިންވަރު ކިޔެވިފަދަ ކަމުގައި ލިއުއްވޭނެތެވެ.]
ވީމާ، ޤުރްއާން ކިޔެވުމުގައި ލުއިފަސޭހަކަންހުރީ މި ފަދައިން ކަމުގައި ވާއިރު، އެއްގޮތަކަށް ވެސް، ކީރިތި ޤުރްއާން ކިޔަވައިވިދާޅުނުވުން ނުވަތަ ތަޖްވީދުމަގުން ކިޔަވައިވިދާޅުނުވުން ނުވަތަ ކިޔަވައިވިދާޅުވާ އާޔަތްތަކާ މެދު ވިސްނަވައި ފިކުރުނުކުރެއްވުން ފަދަ އެއްވެސް ކަމެއް ނުކުރައްވާށެވެ! ނުވަތަ އެ އާޔަތްތަކުގައިވާ ޙުކުމްތަކަށް ޢަމަލުނުކުރެއްވުން ކަމުގައި ވިއަސް، ނުވަތަ، ކީރިތި ޤުރްއާނުން ޝިފާނުހޯއްދެވުން ކަމުގައި ވިއަސް، މި ފަދަ އެއްވެސް ކަމެއް ކުރައްވާ، ކީރިތި ޤުރްއާން ދޫކޮށްލި މީހަކު ކަމުގައި އަދި ޤުރްއާނުގެ މަތީން ހަނދުމަނައްތައިލި މީހަކު ކަމުގައި އަދި ޤުރްއާނަށް ފުރަގަސްދިން މީހަކު ކަމުގައި ތިބާ ވެވަޑައިނުގަންނަވާށެވެ!
فَـنَسْأَلُ اللهَ أَنْ يُـوَفِّقَنَا لِتَـوْبَةٍ نَصُوحٍ وَأَنْ يَـتَـقَبَّلَ مِنَّا صَالِحَ اْلأَعْمَالِ وَأَنْ يَـتَجَاوَزَ عَمَّا فِيهَا مِنْ نَـقْصِ وَزَلَلٍ، وَأَنْ يَجْعَلَ خَيْـرَ أَعْمَالِنَا خَوَاتِيمَهَا وَخَيْـرَ أَيَّامَنَا يَـوْمَ نَـلْقَاهُ، وَنَسْأَلُ أَنْ يُـقْسِمَ لَـنَا مِنْ خَشْيَتِهِ مَا يَحُولُ بَـيْـنَـنَا وَبَـيْنَ مَعَاصِيهِ وَمِنْ طَاعَتِهِ مَا يُـبَـلِّغُنَا بِهِ جَنَّـتَهُ وَأَنْ يَـغْفِرَ لَنَا ذُنُوبَـنَا وَإِسْرَافَـنَا فِي أَمْرِنَا وَأَنْ يُـغْنِينَا بِحَلَالِهِ عَنْ حَرَامِهِ وَبِفَضْلِهِ عَمَّنْ سِوَاهُ وَأَنْ يَـتَـقَبَّلَ تَـوْبَـتَـنَا وَيَـغْسِلَ حَوْبَـتَـنَا إِنَّهُ سَمِيعٌ مُجِيبٌ وَصَلَّى اللهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
7 ރަބީޢުލް އާޚިރު 1438
5 ޖަނަވަރީ 2017މ.
ޖަޢުފަރު ފާއިޒު